ޣާޒީ ސްކޫލުގެ ދަރިވަރުންނަށް ހިންގި ހައިޑްރޯޕޮނިކްސް ތަމްރީން ކާމިޔާބުކަމާއެކު ނިންމާލައިފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 45ސ
ޣާޒީ ސްކޫލުގެ ދަރިވަރުންނަށް ހިންގި ހައިޑްރޯޕޮނިކްސް ތަމްރީން ކާމިޔާބުކަމާއެކު ނިންމާލައިފި

މަސްވެރިކަމާއި ދަނޑުވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާއިން ޣާޒީ ސްކޫލުގެ ދަރިވަރުންނަށް އަމާޒުކޮށްގެން ހިންގި ޒަމާނީ ދަނޑުވެރިކަމުގެ ތަމްރީން ޕްރޮގްރާމް ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ. މިދިޔަ އޭޕްރީލް މަހުގެ 22 ވަނަ ދުވަހު ފެށި މި ހައިޑްރޯޕޮނިކްސް ތަމްރީން ޕްރޮގްރާމް ނިންމުމުގެ ރަސްމިއްޔާތު ބާއްވާފައިވަނީ މިދިޔަ ބުރާސްފަތި ދުވަހު ޣާޒީ ސްކޫލުގައެވެ.

މި ޕްރޮގްރާމް ނިންމުމުގެ ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވީ މަސްވެރިކަމާއި ދަނޑުވެރިކަމާ ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރު އަޙްމަދު ހަސަން ދިދީ އެވެ. ޖުމްލަ 25 ދުވަހުގެ މުއްދަތަށް ކުރިއަށްގެންދިޔަ މި ތަމްރީންތަކުގައި އެ ސްކޫލުގެ 38 ބައިވެރިން ވަނީ ބައިވެރިވެފައެވެ.

މި ތަމްރީންގެ ތެރެއިން ދަރިވަރުން ވަނީ ހައިޑްރޯޕޮނިކްސް ސިސްޓަމްތަކުގައި ލެޓިއުސް އާއި ޗައިނީސް ކެބެޖު ހިމެނޭހެން ޖުމްލަ 160 ގަސް ހައްދާފައެވެ. ޕްރޮގްރާމް ނިންމުމުގެ ރަސްމިއްޔާތުގެ ތެރެއިން، ދަރިވަރުން އަމަލީ ގޮތުން ހެއްދި މި ގަސްތަކުން ފަތް ކެނޑުމުގެ މަސައްކަތްވެސް ވަނީ ކުރިއަށް ގެންގޮސްފައެވެ.

ޕްރޮގްރާމްގެ ފުރަތަމަ މަރުހަލާގައި ކުރިއަށް ގެންދިޔައީ ތިއަރީ ސެޝަންތަކެވެ. މި ސެޝަންތަކުގައި ހައިޑްރޯޕޮނިކްސްގެ މަސައްކަތްތައް ކުރިއަށްދާ ގޮތުގެ ފަންނީ މައުލޫމާތު ދަރިވަރުންނާއި މުވައްޒަފުންނަށް ފޯރުކޮށްދީފައިވެއެވެ. އޭގެ ފަހުން ކުރިއަށްދިޔަ އަމަލީ މަސައްކަތުގެ ތެރެއިން، ގަސް އިންދުމަށް ބޭނުންވާ މީޑިއަމް ތައްޔާރުކުރާނެ ގޮތާއި، އޮށް އިންދާނެ ގޮތުގެ އިތުރުން ކުދި ގަސްތައް ސިސްޓަމަށް ބަދަލުކުރާނެ ގޮތް ދަރިވަރުން ވަނީ ދަސްކޮށްފައެވެ.

ސަރުކާރުން ރާއްޖޭގެ ދަނޑުވެރިކަމުގެ ސިނާއަތް ކުރިއެރުވުމަށް ދޭ އިސްކަމުގެ ދަށުން ކުރިއަށްގެންދާ މިފަދަ ތަމްރީންތަކުގެ މައިގަނޑު މަގުސަދަކީ ޅަފަތުގައި ކުދިން މިކަމަށް އަހުލުވެރިކޮށް ޝައުގުވެރިކުރުވުމެވެ. މި ތަމްރީންގައި އޮށް އިންދުމުން ފެށިގެން ފަތް ކެނޑުމާ ހަމައަށް ބޭނުންވާ ހުރިހާ ފަންނީ އެހީތެރިކަމެއް ފޯރުކޮށްދީފައިވަނީ އެ ވުޒާރާގެ ތަޖުރިބާކާރުންނެވެ.

މިއަދު އޮންލައިން