ކައުންސިލްތަކަށް ދޭ ބްލޮކް ގްރާންޓުގެ ގޮތުގައި ބިލިޔަނަށްވުރެ ގިނަ ރުފިޔާ ދޫކޮށްފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 12ސ
ކައުންސިލްތަކަށް ދޭ ބްލޮކް ގްރާންޓުގެ ގޮތުގައި ބިލިޔަނަށްވުރެ ގިނަ ރުފިޔާ ދޫކޮށްފި

މިއަހަރުގެ މިހާތަނަށް ކައުންސިލްތަކަށް ދޭ ބްލޮކް ގްރާންޓުގެ ގޮތުގައި ބިލިޔަނަށްވުރެ ގިނަ ރުފިޔާ ދޫކޮށްފައިވާ ކަމަށް މާލީ ކަންކަމާއި ސަރުކާރުގެ ކުންފުނިތަކާއި ބެހޭ ވުޒާރާއިން ހާމަކޮށްފިއެވެ. މިއަހަރަކީ ރާއްޖޭގެ ތާރީޚުގައިވެސް ކައުންސިލްތަކަށް އެންމެ ބޮޑު ބްލޮކް ގްރާންޓެއް ދިނުމަށް ބަޖެޓުކޮށްފައިވާ އަހަރެވެ.

އެންމެ ފަހުގެ ވީކްލީ ފިސްކަލް ޑިވެލޮޕްމެންޓް ރިޕޯޓުން ދައްކާ ގޮތުގައި، މިއަހަރުގެ މިހާތަނަށް ކައުންސިލް ގްރާންޓުގެ ގޮތުގައި 1 ބިލިޔަން ރުފިޔާ ވަނީ ދޫކޮށްފައެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި ދޫކުރި 718.2 މިލިޔަން ރުފިޔާއާ އަޅާބަލާއިރު 45.7 އިންސައްތައިގެ އިތުރުވުމެކެވެ.

ބަޖެޓުގައި ކައުންސިލްތަކުގެ ގްރާންޓުގެ ގޮތުގައި ޖުމްލަ 2.5 ބިލިޔަން ރުފިޔާ ވަނީ ކަނޑައަޅާފައެވެ. ފާއިތުވި އަހަރުތަކަށް ބަލާއިރު، 2023 ވަނަ އަހަރު 2.1 ބިލިޔަން ރުފިޔާ ބަޖެޓުކުރި ނަމަވެސް، އޭގެ އިތުރަށް 8 މިލިޔަން ރުފިޔާ ހޭދަކޮށްފައިވެއެވެ. އަދި 2024 ވަނަ އަހަރުވެސް ކައުންސިލްތަކަށް 2.2 ބިލިޔަން ރުފިޔާ ވަނީ ދޫކޮށްފައެވެ.

ކައުންސިލްތަކަށް ފައިސާ ދޫކުރުމުގައި އެންމެ ބޮޑު އަދަދެއް ލިބެނީ ސިޓީ ކައުންސިލްތަކަށެވެ. މީގެ ތެރެއިންވެސް އެންމެ ބޮޑު ބަޖެޓެއް ކަނޑައަޅާފައިވަނީ މާލޭ ސިޓީ ކައުންސިލަށެވެ. 2020 ވަނަ އަހަރުން ފެށިގެން ކައުންސިލްތަކަށް ފައިސާ ދޫކުރަނީ، ދައުލަތުގެ އާމްދަނީއަށް ބިނާކޮށް ކަނޑައަޅާ ފިސްކަލް ފޯމިއުލާއެއްގެ ދަށުން 'ބްލޮކް ގްރާންޓް'ގެ ގޮތުގައެވެ.

މިއަދު އޮންލައިން