ރައީސުލްޖުމްހޫރިއްޔާގެ އޮފީހާއި، މުލީއާގެ އަދި ހިލާލީގޭގައި ދިގު މުއްދަތަކަށް ޚިދުމަތް ކުރައްވާފައިވާ ވ. ކަނި، އާދަމް ޢަލީ ނިޔާވުމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އެ ޢާއިލާއަށް ތަޢުޒިޔާ ފޮނުއްވައިފިއެވެ.
ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި މެސެޖެއްގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، އާދަމް ޢަލީއަކީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހާއި، މުލީއާގެއާއި ހިލާލީގޭގައި ދިގު މުއްދަތަކަށް މަސައްކަތް ކުރައްވާފައިވާ، ވަފާތެރިކަމާއެކު ވަޒީފާގެ ވާޖިބުތައް އަދާކުރެއްވި ބޭފުޅެއް ކަމަށެވެ. އަދި އޭނާއަކީ ޚިދުމަތް ކުރެއްވި ކޮންމެ ރައީސެއް އަދި ނައިބު ރައީސެއްގެ ލޯބިވެސް ހޯއްދެވި ހަރުދަނާ ޝަޚްޞިއްޔަތެއްކަން ރައީސް ފާހަގަކުރެއްވިއެވެ.
މި ހިތާމަވެރި ދަނޑިވަޅުގައި، މަރުޙޫމްގެ އާއިލާއަށާއި އޭނާއާއެކު ވަޒީފާ އަދާކުރެއްވި ހުރިހާ މުވައްޒަފުންނަށް ރައީސުލްޖުމްހޫރިއްޔާ ވަނީ ތަޢުޒިޔާ ދަންނަވާފައެވެ. އަދި މަރުޙޫމް އާދަމް ޢަލީއަށް ސުވަރުގޭގެ ދާއިމީ ނިޢުމަތް ދެއްވުމަށާއި، މާތްﷲގެ ތަނަވަސް ރަޙްމަތާއި ނިޢުމަތުގައި ތާއަބަދު ލެހެއްޓެވުން އެދި ރައީސް ދުޢާ ކުރެއްވިއެވެ.
އާދަމް ޢަލީއަކީ ދައުލަތަށް 44 އަހަރަށްވުރެ ދިގު މުއްދަތަކަށް ޚިދުމަތް ކުރައްވާފައިވާ ބޭފުޅެކެވެ. އޭނާ ކުރެއްވި އިޚްލާޞްތެރި ޚިދުމަތްތަކުގެ އަގު ވަޒަންކޮށް، ދައުލަތުން ވަނީ އޭނާއަށް ދައުލަތަށް ޚިދުމަތް ކުރުމުގެ އިނާމު ވެސް އަރުވާފައެވެ.