ހައްޖު ދުވަހާއި އަޟްހާ އީދު ބަންދުގައިވެސް ޕާސްޕޯޓުގެ ހިދުމަތް ލިބޭނެ: އިމިގްރޭޝަން

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 25ސ
ހައްޖު ދުވަހާއި އަޟްހާ އީދު ބަންދުގައިވެސް ޕާސްޕޯޓުގެ ހިދުމަތް ލިބޭނެ: އިމިގްރޭޝަން

މިއަހަރުގެ ހައްޖު ދުވަހާއި އަޟްހާ އީދާ ގުޅިގެން ސަރުކާރު ބަންދުވި ނަމަވެސް، ރައްޔިތުންނަށް ބޭނުންވާ ޕާސްޕޯޓުގެ ހިދުމަތް މެދުކެނޑުމެއްނެތި ފޯރުކޮށްދިނުމަށް މޯލްޑިވްސް އިމިގްރޭޝަނުން ނިންމައިފިއެވެ.

މޯލްޑިވްސް އިމިގްރޭޝަނުން ހާމަކުރެއްވި ގޮތުގައި، މި މަހުގެ 24 ވަނަ ދުވަހުން ފެށިގެން ހައްޖު ދުވަހާއި އީދު ބަންދު ދުވަސްތަކުގައި މާލެ، ހުޅުމާލެ، އައްޑޫ ސިޓީގެ އިތުރުން އަތޮޅުތެރޭގައި ހުންނަ އިމިގްރޭޝަންގެ އޮފީސްތަކުން ހިދުމަތް ދިނުމަށް ވަނީ ހާއްސަ ތާވަލެއް އެކުލަވާލާފައެވެ. މި ތާވަލަށް އަމަލުކުރުމަށް ހަމަޖެހިފައިވަނީ މި މަހުގެ 29 ވަނަ ދުވަހުގެ ނިޔަލަށެވެ.

ނަމަވެސް، މި މަހުގެ 27 ވާ ބުދަ ދުވަހަކީ އަޟްހާ އީދު ދުވަސް ކަމަށްވާތީ، އެ ދުވަހު އިމިގްރޭޝަންގެ ހުރިހާ އޮފީސްތަކެއް ބަންދުވާނެ ކަމަށް އެ އިދާރާއިން މައުލޫމާތު ދެއެވެ. އޮފީސްތައް ބަންދުވި ނަމަވެސް، އިމިގްރޭޝަންގެ "އިމުގާ" ޕޯޓަލް މެދުވެރިކޮށް 24 ގަޑިއިރު ޕާސްޕޯޓަށް އެދި ހުށަހެޅުމުގެ ފުރުސަތު އާންމުންނަށް އޮންނާނެއެވެ.

ބަންދު ދުވަސްތަކުގައި ހިދުމަތް ދޭ ގަޑިތަކަށް ބަލާއިރު، ހުޅުމާލެ އަދި އައްޑޫ ސިޓީގައި ހުންނަ އިމިގްރޭޝަން އޮފީސްތަކުން ޕާސްޕޯޓު ދޫކުރުމަށް ހަމަޖެހިފައިވަނީ މި މަހުގެ 24 ވާ އާދީއްތަ ދުވަހުން ފެށިގެން 28 ވާ ބުރާސްފަތި ދުވަހުގެ ނިޔަލަށެވެ. އެ ދުވަސްތަކުގައި ކޮންމެ ދުވަހަކު ހެނދުނު 08:30 އިން ހަވީރު 16:00 އަށް ހިދުމަތް ލިބޭނެއެވެ. އަދި 29 ވާ ހުކުރު ދުވަހު ހިދުމަތް ދިނުމަށް ހަމަޖެހިފައިވަނީ ހެނދުނު 09:00 އިން 11:00 އަށެވެ.

މި އިންތިޒާމަކީ އީދު ބަންދާ ދިމާކޮށް ރާއްޖޭން ބޭރަށް ދަތުރުކުރާ ފަރާތްތަކަށް ލުއިފަސޭހަކޮށްދިނުމުގެ ގޮތުން ހަމަޖެއްސި އިންތިޒާމެއް ކަމަށް އިމިގްރޭޝަނުން ވިދާޅުވެއެވެ.

މިއަދު އޮންލައިން