ސަރުކާރުގެ އަމާޒަކީ މިހިނގާ 2026 ވަނަ އަހަރު ނިމުމުގެ ކުރިން "ހަށިހެޔޮ ރާއްޖެ" ޕްރޮގްރާމު ރާއްޖޭގެ ހުރިހާ ރަށެއްގައި ހިންގުންކަމަށް މިނިސްޓަރ އޮފް ޔޫތް އެމްޕަވަރމަންޓް، ސްޕޯޓްސް އެންޑް ފިޓްނެސް ޢަބްދުﷲ ރާފިޢު ވިދާޅުވެއްޖެއެވެ.
މިނިސްޓަރު މިހެން ވިދާޅުވީ "ހަށިހެޔޮ ރާއްޖެ" ރީޖަން 2 ގެ ހަރަކާތްތައް ބ. އޭދަފުށީގައި އިފްތިތާހްކޮށްދެއްވުމަށްފަހު ޕީއެސްއެމް ނިއުސްއާ ވާހަކަދައްކަވަމުންނެވެ. ވަޒީރު ވިދާޅުވީ މި ޕްރޮގްރާމަކީ ރާއްޖޭގެ ރައްޔިތުން ދުޅަހެޔޮ ސިއްހަތެއްގައި ބޭތިއްބުވުމުގެ މަޤްސަދުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުހައްމަދު މުއިޒް އިސްނެންގެވުމުގެ މަތިން ކުރިއަށްގެންދާ ޤައުމީ ފެންވަރުގެ މުހިންމު މަސައްކަތެއް ކަމަށެވެ.
ރާއްޖެއަކީ ގައިންގަޔަށް ނާރާ ބަލިތަކާ ދުރު، ހަށިހެޔޮ ދުޅަހެޔޮ އާބާދީއެއް ނިސްބަތްވާ ގައުމަކަށް ހެދުމަކީ ރައީސުލްޖުމްހޫރިއްޔާގެ ރިޔާސީ ވައުދުފުޅެކެވެ. އެގޮތުން ވަކި ލަނޑުދަނޑިއެއް ކަނޑައަޅައި، އެ އަމާޒަށް ވާސިލްވުމަށް ކުރަމުންދާ މަސައްކަތުގެ ދަށުން މި ހަރަކާތް ރާއްޖޭގެ ހުރިހާ ރަށެއްގައި މިއަހަރު ނިމުމުގެ ކުރިން ހަރުދަނާ ގޮތެއްގައި، މެދުކެނޑުމެއްނެތި ކުރިއަށް ގެންދިއުމަށް ސަރުކާރުން ވަނީ އަމާޒު ހިފާފައެވެ.
"މިއީ ގައުމީ ލެވެލްގައި އަޅުގަނޑުމެން ސިއްހަތަށް އަދި ކަސްރަތަށް ހޭލުންތެރިކުރުމުގެ ޕްރޮގްރާމެއް. ރާއްޖޭގެ ހުރިހާ ރަށެއްގައިވެސް މި ޕްރޮގްރާމު ކުރިއަށް ގެންދަން ގަސްދުކޮށްފައި މިއޮތީ. އަދި ކުރިއަށް ގެންދަންވެސްމެ، އަޅުގަނޑުމެންގެ އުންމީދަކީ މިއަހަރު ނިމޭއިރުގައި ކޮންމެ ރަށެއްގައިވެސް މި ޕްރޮގްރާމު ރެގިއުލާކޮށް ހިންގޭނެގޮތަކަށް އިންތިޒާމު ހަމަޖެއްސުން،" ވަޒީރު ވިދާޅުވިއެވެ.
މި ޕްރޮގްރާމުގެ ދަށުން ރައްޔިތުންގެ މެދުގައި ކަސްރަތު ކުރުމާއި ދުޅަހެޔޮ ދިރިއުޅުމަކަށް ބޭނުންވާ ހޭލުންތެރިކަން އިތުރުވެ، ދިގު މުއްދަތަށް ބޭސްކުރަންޖެހޭ ބަލިތަކުން ރައްޔިތުން ސަލާމަތްވުމަށް ބޮޑު އެހީތެރިކަމެއް ލިބިގެންދާނެ ކަމަށް މިނިސްޓްރީން ބުނެއެވެ.