މާލެއާއި ހުޅުމާލޭގެ ބޮޑު ބަޔަކުން ކުއްލިގޮތަކަށް ކަރަންޓުގެ ޚިދުމަތް މެދުކެނޑުމަށްފަހު، މައްސަލަ ހައްލުކޮށް މިހާރު ހުރިހާ ސަރަހައްދަކަށް ކަރަންޓު ދީފައިވާ ކަމަށް ސްޓެލްކޯއިން ބުނެފިއެވެ.
ސްޓެލްކޯއިން މައުލޫމާތު ދިން ގޮތުގައި، މިއަދު މާލެއާއި ހުޅުމާލެއިން ކުއްލިގޮތަކަށް ކަރަންޓު ކެނޑެން މެދުވެރިވީ ދިމާވި ޓެކްނިކަލް މައްސަލައަކާ ގުޅިގެންނެވެ. މި މައްސަލަ ދިމާވިއިރު، އެ ކުންފުނިން ދިޔައީ ރޭ ފަތިހުން ފެށިގެން ހުޅުމާލޭގައި ގާއިމްކޮށްފައިވާ 50 މެގަވޮޓުގެ އިންޖީނުގޭގެ ޕަވަރ ސިސްޓަމް އަޕްގްރޭޑް ކުރުމުގެ މުހިންމު މަސައްކަތްތަކެއް ކުރަމުންނެވެ.
މި އަޕްގްރޭޑް މަސައްކަތް ކުރިއަށް ގެންގޮސްފައިވަނީ އިންޖީނުގެ ނިއްވާލައިގެންނެވެ. އެގޮތުން ރޭ މެންދަމުން އަލިވެ 3:00 އިން ފެށިގެން މިއަދު ހެނދުނު 8:00 އާ ހަމައަށް އިންޖީނުގެ ނިއްވާލާފައި އޮތް ކަމަށް އެ ކުންފުނިން ވިދާޅުވިއެވެ.
ކަރަންޓުގެ ޚިދުމަތް މެދުކެނޑުމުގެ ސަބަބުން އާންމުންނަށް ދިމާވި ދަތިތަކަށް ސްޓެލްކޯއިން ވަނީ މައާފަށް އެދިފައެވެ. އަދި މިހާރު ހުރިހާ ސަރަހައްދަކަށް ކަރަންޓު ދެވިފައިވީ ނަމަވެސް، އެއްވެސް ސަބަބަކާ ހެދި ކަރަންޓުގެ ޚިދުމަތް ނުލިބޭ ފަރާތެއް ވާނަމަ، އެ ކުންފުނީގެ އެމަރޖެންސީ ހޮޓްލައިން 104 ނުވަތަ ކޯލް ސެންޓަރުގެ ނަންބަރު 1545 އަށް ގުޅުއްވުމަށް ސްޓެލްކޯއިން ވަނީ އިލްތިމާސްކޮށްފައެވެ.