"މަގޭ ސޯލާ" ޕްރޮގްރާމް: މިއަހަރުގެ އޯގަސްޓަށް 3 މެގަވޮޓުގެ ސޯލާ ސިސްޓަމް ހަރުކޮށް ނިންމަނީ

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 53ސ
"މަގޭ ސޯލާ" ޕްރޮގްރާމް: މިއަހަރުގެ އޯގަސްޓަށް 3 މެގަވޮޓުގެ ސޯލާ ސިސްޓަމް ހަރުކޮށް ނިންމަނީ

ސަރުކާރުން ކުރިއަށްގެންދާ "މަގޭ ސޯލާ" ޕްރޮގްރާމްގެ ދަށުން، 3 މެގަވޮޓުގެ ސޯލާ ޕީވީ ސިސްޓަމްތައް ރާއްޖޭގެ ގޭބިސީތަކުގައި މިއަހަރުގެ އޯގަސްޓް މަހުގެ ނިޔަލަށް ހަރުކޮށް ނިންމުމަށް އަމާޒު ހިފާފައިވާ ކަމަށް ފެނަކަ ކޯޕަރޭޝަނުން ހާމަކޮށްފިއެވެ.

މި ޕްރޮގްރާމަކީ އާންމު ރައްޔިތުން ކަރަންޓު ބިލަށް ކުރާ ހޭދަ ކުޑަކުރުމަށާއި، ތެލަށް ބަރާސާވާ މިންވަރު މަދުކޮށް ތިމާވެއްޓާ ރައްޓެހި ހަކަތަ ރާއްޖޭގައި އިތުރުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން އިސްކަންދީގެން ކުރިއަށްގެންދާ މުހިންމު މަޝްރޫޢެކެވެ. މި މަޝްރޫޢުގެ ދަށުން ގޭބިސީތަކުގައި ސޯލާ ސިސްޓަމް ހަރުކުރުމުގެ އަމަލީ މަސައްކަތް ރައީސުލްޖުމްހޫރިއްޔާ އިފްތިތާޙް ކޮށްދެއްވީ މިދިޔަ އަހަރުގެ ޖަނަވަރީ މަހުގެ ތެރޭގައެވެ.

ފެނަކަ ކޯޕަރޭޝަނުން މަޢުލޫމާތު ދެއްވާ ގޮތުގައި، "މަގޭ ސޯލާ" ޕްރޮގްރާމްގެ އިތުރުން ވެސް އިއާދަކުރަނިވި ހަކަތަ ފުޅާކުރުމަށް ގިނަ މަސައްކަތްތަކެއް ދަނީ ކުރެވެމުންނެވެ. އެގޮތުން ވޯލްޑް ބޭންކުގެ އެހީގައި ހިންގާ 'އެސްޕަޔަރ' މަޝްރޫޢުގެ ދަށުން 8 ރަށެއްގައި 11 މެގަވޮޓުގެ ސޯލާ މިހާރު ވަނީ އިންސްޓޯލްކޮށްފައެވެ.

މި ނިޒާމުތަކާ ގުޅޭގޮތުން ފެނަކައިގެ މެނޭޖިންގ ޑިރެކްޓަރު މުޢާޒު މުޙައްމަދު ރަޝީދު ވިދާޅުވީ، އެސްޕަޔަރ މަޝްރޫޢުގެ ދަށުން ހަރުކުރި ސިސްޓަމްތަކުގެ ބެޓަރީ ސްޓޯރޭޖާއި ކަރަންޓު ވިއުގަ ގުޅާލުމުގެ މަސައްކަތް މިއަހަރުގެ ޖުލައި ނުވަތަ އޯގަސްޓް މަހުގެ ތެރޭގައި ނިމޭނެ ކަމަށެވެ. މި ނިޒާމުތައް ފުރިހަމައަށް ބޭނުންކުރަން ފެށުމުން، ތެލަށް ކުރާ ހޭދައިން އަހަރަކު ގާތްގަނޑަކަށް 20 މިލިއަން ރުފިޔާ ސަލާމަތް ކުރެވޭނެ ކަމަށް އެ ކޯޕަރޭޝަނުން ލަފާކުރެއެވެ.

މީގެ އިތުރުން، އޭޝިއަން ޑިވެލޮޕްމަންޓް ބޭންކް (އޭޑީބީ) ގެ އެހީގައި ކުރިއަށްގެންދާ 'ޕޮއިސްޑް' މަޝްރޫޢުގެ ދަށުން ރ. އަތޮޅާއި ބ. އަތޮޅުގެ ރަށްރަށުގައި ވެސް މިހާތަނަށް 6 މެގަވޮޓުގެ ސޯލާ ހަރުކުރެވިފައިވާކަން ފެނަކައިން ފާހަގަކުރެއެވެ.

މި ހުރިހާ މަޝްރޫޢުތަކަކީ ވެސް ރާއްޖޭގެ ހަކަތައިގެ ސިނާޢަތް ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށްދާކަން ކަށަވަރުކުރުމަށާއި، އިޤްތިޞާދީ ގޮތުން ދައުލަތަށާއި ރައްޔިތުންނަށް ލުއިތަކެއް ހޯދައިދިނުމަށް ސަރުކާރުން ގެންގުޅުއްވާ ހަރުދަނާ ސިޔާސަތުގެ ދަށުން ހިންގޭ މަސައްކަތްތަކެކެވެ.

މިއަދު އޮންލައިން