ހުޅުމާލޭގެ 50 މެގަވޮޓް އިންޖީނުގެ އަޕްގްރޭޑް ކުރުމުގެ ފުރަތަމަ މަރުހަލާ ނިންމާލައިފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 18ސ
ހުޅުމާލޭގެ 50 މެގަވޮޓް އިންޖީނުގެ އަޕްގްރޭޑް ކުރުމުގެ ފުރަތަމަ މަރުހަލާ ނިންމާލައިފި

ހުޅުމާލޭގައި ގާއިމުކޮށްފައިވާ 50 މެގަވޮޓްގެ އިންޖީނުގެ ނިއްވާލައިގެން ކުރިއަށްގެންދިޔަ އަޕްގްރޭޑިންގ މަސައްކަތުގެ ފުރަތަމަ މަރުހަލާ، މާލެއާއި ހުޅުމާލޭގެ އެއްވެސް ސަރަހައްދަކުން ކަރަންޓު ކަނޑާނުލާ ކާމިޔާބުކަމާއެކު މިއަދު ނިންމާލައިފިއެވެ.

ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ (ސްޓެލްކޯ) އިން ބުނީ، ރޭ ދަންވަރު 3:00 އިން ފެށިގެން މިއަދު ހެނދުނު 8:00 އާ ހަމައަށް ކުރިއަށްގެންދިޔަ މި މަސައްކަތް، މާތްﷲގެ އިރާދަފުޅާއެކު އެއްވެސް މައްސަލައެއް ދިމާނުވެ މިއަދަށް ނިންމާލެވިފައިވާ ކަމަށެވެ. މި މަސައްކަތުގައި ސްޓެލްކޯގެ މުވައްޒަފުންނާއި ވަރޓްސިލާގެ އިންޖީނިއަރުން ވަނީ ވަރުބަލިކަމެއް ނެތި ހީވާގިކަމާއެކު ހަރަކާތްތެރިވެފައެވެ.

މިކަމާ ގުޅިގެން ސްޓެލްކޯއިން ވަނީ މި މުހިންމު މަސައްކަތުގައި އަމަލީގޮތުން ބައިވެރިވި އެ ކުންފުނީގެ މުވައްޒަފުންނަށާއި ވަރޓްސިލާގެ އިންޖީނިއަރުންނަށް ނުހަނު އިޚްލާޞްތެރިކަމާއެކު ޝުކުރު އަދާކޮށްފައެވެ.

މި އަޕްގްރޭޑިންގ މަސައްކަތުގެ ފުރަތަމަ މަރުހަލާ މިއަދު ނިންމާލެވިފައިވާއިރު، ބާކީ ހުރި މަސައްކަތްތައް ކުރިއަށް ގެންދާނެ ތާރީޚެއް ކަނޑައެޅުމަށްފަހު، އެކަން ދުރާލާ ކަސްޓަމަރުންނަށް އަންގާނެ ކަމަށްވެސް އެ ކުންފުނިން ބުނެއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން އަންނަނީ ރައްޔިތުންނަށް ފޯރުކޮށްދޭ އަސާސީ ޚިދުމަތްތަކުގެ ފެންވަރު މަތިކޮށް، ދެމެހެއްޓެނިވި ގޮތެއްގައި އެ ޚިދުމަތްތައް ފޯރުކޮށްދިނުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.

މިއަދު އޮންލައިން