ދިވެހި ވަޠަނީ ޚިދުމަތުގެ ފަންނީ ތަމްރީން-1ގެ ދަރިވަރުން ދަސްވެނިވެއްޖެ

މިއަދު
ކިޔުމަށް ހޭދަވާނީ 2މ 26ސ
ދިވެހި ވަޠަނީ ޚިދުމަތުގެ ފަންނީ ތަމްރީން-1ގެ ދަރިވަރުން ދަސްވެނިވެއްޖެ

ދިވެހި ވަޠަނީ ޚިދުމަތުގެ ފަންނީ ތަމްރީން-1ގެ ދަރިވަރުން ދަސްވެނިވެއްޖެއެވެ. އެ ކަމަށް ޓަކައި މިއަދު ބ. ކިހާދޫގައި ހުންނަ އެމްއެންޑީއެފް ސަރވިސް ކޯރގެ، ސްކޫލު އޮފް އިންޖިނިއަރިންގ އެންޑް ލޮޖިސްޓިކްސްގައި ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ދިފާޢީ އަދި ވަޠަނީ ޚިދުމަތާބެހޭ ވަޒީރު، އޮނަރަބަލް ޙަސަން ރަޝީދެވެ. މި ރަސްމިއްޔާތުގައި، ދިފާޢީ އަދި ވަޠަނީ ޚިދުމަތާބެހޭ ވަޒީރު، އޮނަރަބަލް ޙަސަން ރަޝީދު، ދިވެހި ވަޠަނީ ޚިދުމަތުގެ ފަންނީ ތަމްރީންގެ ފުރަތަމަ ޕްރޮގްރާމް ފުރިހަމަކުރެއްވި ދަރިވަރުންނާ މުޚާޠަބުކުރައްވައި ވާހަކަފުޅު ދެއްކެވިއެވެ. އަދި، އެމަނިކުފާނު ވަނީ އެ ތަމްރީނުން ދަސްވެނިވި ދަރިވަރުންނަށް ސަނަދު ހަވާލުކޮށްދެއްވާފައެވެ. މި ރަސްމިއްޔާތުގައި، ކޯސް ހިނގައިދިޔަ ގޮތުގެ ރިމާކްސް ދެއްވައި، ދިވެހި ވަޠަނީ ޚިދުމަތުގެ ފަންނީ ތަމްރީންގެ ފުރަތަމަ ޕްރޮގްރާމްގެ ދަރިވަރުންނަށް އަޒުމް އައުކޮށްދެއްވީ، އެމްއެންޑީއެފް ސަރވިސް ކޯރގެ، ސްކޫލު އޮފް އިންޖިނިއަރިންގ އެންޑް ލޮޖިސްޓިކްސްގެ ކޮމާންޑިންގ އޮފިސަރ، މޭޖަރ ޙުސައިން ޝާހިދުއެވެ. މި ރަސްމިއްޔާތުގައި، ދިވެހި ވަޠަނީ ޚިދުމަތުގެ ފަންނީ ތަމްރީންގެ ފުރަތަމަ ޕްރޮގްރާމުން ދަސްވެނިވި ދަރިވަރެއްގެ ޝުޢޫރު ފާޅުކުރުން އޮތެވެ. ދަރިވަރުންގެ ފަރާތުން ޝުޢޫރު ފާޅުކޮށްދެއްވީ، އެ ޕްރޮގްރާމްގައި އިލެކްޓްރިޝަން ކޯހުން ދަސްވެނިވި ދަރިވަރު، ކެޑޭޓް މަރިޔަމް މާހާއެވެ. 2026 ޖަނަވަރީ 15އިިން 2026 މޭ 22އަށް ކުރިއަށްގެންދިޔަ މި ތަމްރީނު ޕްރޮގްރާމްގައި ރާއްޖޭގެ 35 ރަށަކަށް ނިސްބަތްވާ 63 ދަރިވަރުން ބައިވެރިވިއެވެ. އެއީ 14 އަންހެން ދަރިވަރުންނާއި 49 ފިރިހެން ދަރިވަރުންނެވެ. މި ޕްރޮގްރާމްގައި، އޮޓޯ މޯބައިލް އިންޖިނިއަރިންގއާއި، މެރިން އިންޖިނިއަރިންގއާއި، އިލެކްޓްރީޝަންއާއި، ރެފްރިޖެރޭޝަންއާއި، ވެލްޑިންގ އަދި އޮފީސް މެނޭޖުމަންޓް ފަދަ ސިނާއީ ދާއިރާތަކުގެ ހުނަރުތައް، އުނގަންނައިދީ ދަސްކޮށްދީފައި ވެއެވެ.4 މަސް ދުވަހުގެ މުއްދަތަށް ކުރިއަށްގެންދިޔަ މި ތަމްރީނު ޕްރޮގްރާމް ފުރިހަމަކޮށް، 63 ދަރިވަރުން ވަނީ ދަސްވެނިވެ، މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ އެޕްރޫވްޑް، ލެވެލް 3ގެ ސެޓިފިކެޓް ހާސިލުކޮށްފައެވެ. މި ޕްރޮގްރާމްގައި ކިޔަވައިދެއްވީ ފަންނީ ތަފާތު ދާއިރާތަކުގައި ގިނަ ދުވަހު އަމަލީ މަސައްކަތް ކުރައްވާފައިވާ ސިފައިންގެ ތަޖުރިބާކާރު އިންސްޓްރަކްޓަރުންނެވެ. މި ރަސްމިއްޔާތުގައި ޗީފް އޮފް ޑިފެންސް ފޯސް، މޭޖަރ ޖެނެރަލް އިބްރާހީމް ޙިލްމީއާއި، އެމްއެންޑީއެފްގެ ޖެނެރަލް އޮފިސަރުން އަދި ދަރިވަރުންގެ ޢާއިލާތަކުން ބައިވެރިވެވަޑައިގެންނެވިއެވެ.

މިއަދު އޮންލައިން