ވަޠަނީ ޚިދުމަތުގެ ފަންނީ ތަމްރީނު ޕްރޮގްރާމުގެ ކާމިޔާބީއަކީ ބެލެނިވެރިން އެ ޕްރޮގްރާމަށް ކުރައްވާ ބޮޑު އިތުބާރު ކަމަށް ދިފާޢީ އަދި ވަޠަނީ ޚިދުމަތާ ބެހޭ ވަޒީރު ޙަސަން ރަޝީދު ވިދާޅުވެއްޖެއެވެ.
ވަޒީރު މިހެން ވިދާޅުވީ، ވަޠަނީ ޚިދުމަތުގެ ފަންނީ ތަމްރީނު ޕްރޮގްރާމް ނިންމި ދަރިވަރުންނާ މުޚާތަބުކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ. މި ރަސްމިއްޔާތުގައި ވަޒީރު ވަނީ 4 މަސްދުވަހުގެ މުއްދަތަށް ކުރިއަށް ގެންދިޔަ މި ޕްރޮގްރާމް ފުރިހަމަކުރި ހުރިހާ ދަރިވަރުންނަށް މަރުހަބާ ދަންނަވާފައެވެ.
މި ޕްރޮގްރާމުގެ ތެރެއިން ސެޓްފިކެޓް ލެވެލް 3 އާ ހަމައަށް 6 ތަފާތު ކޯހެއް ކުރިއަށް ގެންގޮސްފައިވާކަން ފާހަގަކުރައްވަމުން ވަޒީރު ވިދާޅުވީ، މިއީ ރާއްޖޭގެ އެކި ކަންކޮޅުތަކަށް ނިސްބަތްވާ ގިނަ އަދަދެއްގެ ޒުވާނުން ބައިވެރިވި ޕްރޮގްރާމެއް ކަމަށެވެ. މިއީ މި ޕްރޮގްރާމަކީ ރާއްޖޭގެ ހުރިހާ ޒުވާނުންނަށް އަމާޒުކޮށްގެން، ވަކި އަތޮޅަކަށް ނުވަތަ ރަށަކަށް ބެލުމެއް ނެތް ގޮތަށް ގެންދެވޭ ޕްރޮގްރާމެއްކަން ހާމަވާ ކަމެއް ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.
ވަޒީރު ޙަސަން ރަޝީދުގެ ވާހަކަފުޅުގައި، މި ޕްރޮގްރާމް ނިންމާ ދަރިވަރުންނަށް އެ ދަރިވަރަކު ބޭނުންވާ ދާއިރާއަކުން ވަޒީފާ ހޯދައިދިނުމަށް ސަރުކާރުން މަސައްކަތް ކުރަމުންދާނެ ކަމުގެ ޔަޤީންކަން ދެއްވިއެވެ. އަދި ޕްރޮގްރާމް ނިންމުމަށްފަހު ދަރިވަރުން އަނބުރާ މުޖުތަމަޢަށް ދާއިރު، މި ޕްރޮގްރާމުން ލިބުނު ކުރިއެރުމާއި ކާމިޔާބީ ވަޒަންކުރުމުގެ ފުރުސަތު ބެލެނިވެރިންނަށް ލިބިގެންދާނެ ކަމަށް ވިދާޅުވިއެވެ.
"މި ޕްރޮގްރާމުގެ ސަބަބުން މުސްތަޤުބަލުގައި ފަންނުވެރި އަދި ޒިންމާދާރު ޚިދުމަތްތަކެއް ކޮށްދޭނެ ޒުވާނުންތަކެއް އުފެދިގެންދާނެ. އަޅުގަނޑު ހުރިހާ ދަރިވަރުންނަށްވެސް އިލްތިމާސް ކުރަނީ ޤައުމަށް ފައިދާހުރި ރޮނގުތަކުން ކުރިއަށް ދިއުމަށް،" ވަޒީރު ވިދާޅުވިއެވެ.
މި ޕްރޮގްރާމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ޒުވާނުން ބިނާކުރުމަށް ކުރިއަށްގެންދާ މުހިންމު މަސައްކަތްތަކުގެ ތެރޭގައި ހިމެނޭ، ޒިންމާދާރު އަދި ފަންނުވެރި ޖީލެއް ބިނާކުރުމަށް އަމާޒުކޮށްފައިވާ ޕްރޮގްރާމެކެވެ.