ދިވެހިރާއްޖެއިން އިނގިރޭސިވިލާތަށް ބޭރުކުރާ ކަނޑުމަހުގެ ބާވަތްތަކުން ނަގަމުންދާ ޑިއުޓީ އެއްކޮށް މަޢާފްކުރުމާ ގުޅޭގޮތުން ދިވެހި ސަރުކާރުން އިނގިރޭސި ސަރުކާރާއެކު މުހިންމު މަޝްވަރާތަކެއް ކުރިއަށް ގެންގޮސްފިއެވެ. މި މަޝްވަރާތަކުގައި މައިގަނޑު ގޮތެއްގައި އަލިއަޅުވާލާފައިވަނީ ދިވެހި މަސްވެރިންނަށް ލިބޭ ނަފާ އިތުރުކުރުމަށްޓަކައި ޑިއުޓީ ކަނޑާލެވޭނެ އެކި ގޮތްތަކުގެ މައްޗަށެވެ.
ޚާރިޖީ ވަޒީރު އިރުތިޝާމް އާދަމް ވިދާޅުވީ، ރާއްޖޭގެ ފަރާތުން މިކަމުގެ މަޝްވަރާތައް ކުރިއަށް ގެންދިޔައިރު، މިހާރުން މިހާރަށްވެސް ޑިއުޓީ ނުދައްކާވާނެ ގޮތްތަކެއް ހޯދުމަށް ބަލާފައިވާނެ ކަމަށެވެ. މީގެ ތެރޭގައި 'ޖެނެރަލައިޒްޑް ޕްރިފަރެންޝަލް އެރޭންޖްމަންޓެއް' ގެނައުމާއި، ދެ ޤައުމުގެ ދެމެދުގައި 'ކޮމްޕްރިހެންސިވް އެރޭންޖްމަންޓެއް' ނުވަތަ އެއްބަސްވުމެއްގެ ދަށުން ޑިއުޓީ މަޢާފްކުރެވޭނެ ސިނާރިއޯތައް ދިރާސާކޮށްފައިވާ ކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ.
"މަސްވެރިކަމުގެ ޑިއުޓީއެއް ދައްކަންޏާ އޭގެ ވަރަށް ބޮޑުބައެއް ގެއްލިގެންދޭ ޑިއުޓީއަށް. ދެ ޤައުމު ދޭތެރޭ ކުރެވޭ މަޝްވަރާތަކުގައި އޮތީ ވަގުތީ ގޮތުން ޑިއުޓީ މަޢާފްކުރުމެއް ނޫން. އަޅުގަނޑުމެން ވަގުތީ ގޮތަކަށްވެސް މިކަން ކަނޑާލަން އެދިފައި މަޝްވަރާތަކުގައި ރައީސުލްޖުމްހޫރިއްޔާ ސީދާ އިނގިރޭސި ރަސްގެފާނާއި އިނގިރޭސި ސަރުކާރާއި ޤާނޫނު ހަދާ މަޖިލީހުގެ އިސްވެރިންނާ މަޝްވަރާ ކުރެއްވީ ޑިއުޓީ އެއްކޮށް މަޢާފްކުރުމަށް،" ޚާރިޖީ ވަޒީރު ވިދާޅުވިއެވެ.
ވަޒީރު އިތުރަށް ވިދާޅުވީ، ސަރުކާރުގެ އަމާޒަކީ އެއްގޮތަކަށްވެސް ދިވެހި ކަނޑުމަހަށް ޑިއުޓީ ނުނަގާނެ ދާއިމީ ހައްލެއް ހޯދުން ކަމަށެވެ. އިނގިރޭސި ސަރުކާރުން މިހާރު ވަގުތީ ގޮތުން ޑިއުޓީ މަޢާފްކުރަން ނިންމާފައިވަނީ އެ ޤައުމުގެ މިވަގުތުގެ ހާލަތަށް ރިޢާޔަތްކޮށްގެން ކަމަށްވެސް ވަޒީރު ފާހަގަކުރެއްވިއެވެ.
މި މަޝްވަރާތަކުގެ ސަބަބުން ދިވެހި މަސްވެރިން ބާނާ މަހަށް ބޭރުގެ ބާޒާރުގައި ރަނގަޅު އަގު ލިބި، މަސްވެރިކަމުގެ ސިނާޢަތަށް ބޮޑު ކުރިއެރުމެއް ލިބިގެންދާނެ ކަމަށް ސަރުކާރުން އުންމީދު ކުރެއެވެ.