ކަރަންޓުކެނޑުނީ ސިސްޓަމް އަޕްގްރޭޑް ކުރުމަށްފަހު މައްސަލައެއް ދިމާވި މައްސަލައަކުން: ސްޓެލްކޯ

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 48ސ
ކަރަންޓުކެނޑުނީ ސިސްޓަމް އަޕްގްރޭޑް ކުރުމަށްފަހު މައްސަލައެއް ދިމާވި މައްސަލައަކުން: ސްޓެލްކޯ

މާލެއާއި ހުޅުމާލެއިން މިއަދު ކަރަންޓު ކެނޑެން މެދުވެރިވީ އިންޖީނުގޭގެ ޕަވަރ ސިސްޓަމް އަޕްގްރޭޑް ކުރުމަށްފަހު ދިމާވި މައްސަލައަކުން ކަމަށް ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ) އިން ވިދާޅުވެއްޖެއެވެ. މިއަދު މެންދުރު މުޅި މާލެއާއި ހުޅުމާލެއިން ކަރަންޓު ކެނޑުމަށްފަހު، އަލުން ކަރަންޓު ލިބިފައިވަނީ ގާތްގަނޑަކަށް 3 ގަޑިއެއްހާއިރު ފަހުންނެވެ.

ސްޓެލްކޯއިން މަޢުލޫމާތު ދެއްވާ ގޮތުގައި، ރޭ ފަތިހު 3 ޖެހިއިރުން ފެށިގެން ހުޅުމާލޭގައި ޤާއިމްކޮށްފައިވާ 50 މެގަވޮޓުގެ އިންޖީނުގޭގެ ޕަވަރ ސިސްޓަމް އަޕްގްރޭޑް ކުރުމުގެ މަސައްކަތް ވަނީ ކުރިއަށް ގެންގޮސްފައެވެ. މި މަސައްކަތަކީ ނެޓްވޯކްގެ ސިސްޓަމް ފޯލްޓް ލެވެލް ދަށްކުރުމަށާއި، ކެޕޭސިޓީ އިތުރު ކުރުމަށް ކޮންމެހެން ކުރަންޖެހޭ މަސައްކަތެއް ކަމަށް އެ ކުންފުނިން ބުނެއެވެ.

ކަރަންޓު ކެނޑެން މެދުވެރިވި ސަބަބާ ގުޅޭގޮތުން ދައުލަތުގެމީޑިއާއަށް މަޢުލޫމާތު ދެއްވަމުން ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރ ޑރ. ޢަލީ އަޒުވަރު ވިދާޅުވީ، ސިސްޓަމް އަޕްގްރޭޑް ކުރުމަށް އިންޖީނު އެއްކޮށް ނިއްވާލުމަށްފަހު މަސައްކަތް ކުރިއަށް ގެންގޮސްފައިވާ ކަމަށެވެ. އަދި މަސައްކަތްތައް ޕްލޭން ކުރި ގޮތަށް ކުރިއަށްދިޔަ ނަމަވެސް، އަޕްގްރޭޑަށްފަހު ދިމާވި މައްސަލައަކުން މުޅި ގްރޭޓަރ މާލެ ސަރަޙައްދުން ކަރަންޓު ކެނޑުނީ ކަމަށް އޭނާ ވިދާޅުވިއެވެ.

ޑރ. އަޒުވަރު އިތުރަށް ތަފްސީލް ދެއްވަމުން ވިދާޅުވީ، "މި މަސައްކަތުގެ ދަށުން ކުރި އެއްކަމަކީ، ޕީއެލްސީ ސޮފްޓްވެއަރ އަދި ފޯމްވެއަރ އަޕްޑޭޓް ކުރުން. އެ މަސައްކަތް ނިންމުމަށްފަހު އެއާ ގުޅުން ހުރި ބައެއް މައްސަލަތައް ހުރިކަން ދެނެގަނެވުނު. އެކަމާ ގުޅިގެން ކުރިމަތިވި ކަމެއްގެ ސަބަބުން އިންޖީނުގެއިން ކަރަންޓު ކެނޑިގެން މާލެއާއި ހުޅުމާލެއިންވެސް ކަރަންޓު ކެނޑުނީ،" ކަމަށެވެ.

މި މައްސަލަ ދިމާވުމާއެކު ސްޓެލްކޯގެ އިންޖީނިއަރުން ވަނީ މައްސަލަ ޙައްލުކޮށް، މާލެއާއި ހުޅުމާލޭގެ ހުރިހާ ސަރަޙައްދަކަށް މިހާރު ކަރަންޓުގެ ޚިދުމަތް އަލުން ދީފައެވެ.

މިއަދު އޮންލައިން