މިދުވަސްވަރު ރާއްޖޭގައި ހިމަބިހީގެ ކޭސްތައް އިތުރުވަމުންދާތީ، އެ ބަލީގެ އަލާމާތްތައް ފެންނަ މީހުންނަށް ފަސޭހައިން ޑޮކްޓަރަށް ދެއްކޭނެ އިންތިޒާމު ހަމަޖެއްސުމަށްޓަކައި އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) ގައި ޚާއްސަ މޭޒެއް ޤާއިމުކޮށްފިއެވެ.
އައިޖީއެމްއެޗުން މީސްމީޑިޔާގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ، ހިމަބިހީގެ އަލާމާތްތައް ފެންނަ މީހުންނަށް ޚިދުމަތް ދިނުމަށް ޚާއްސަ ކުރެވިފައިވާ މި މޭޒު ހުންނާނީ އެ ހޮސްޕިޓަލުގެ ބޮޑެތި މީހުންގެ ކުއްލި ފަރުވާދޭ ބައިގެ އެމްބިޔުލަންސް ޕޯޓިކޯ ކައިރީގައި ކަމަށެވެ. މި މޭޒު މެދުވެރިކޮށް މިހާރު ވަނީ ޚިދުމަތް ދޭން ފަށާފައެވެ.
މި ޚާއްސަ މޭޒުގެ ޚިދުމަތް ކޮންމެ ދުވަހަކުވެސް ހެނދުނު 08:00 އިން ރޭގަނޑު 23:00 އާ ހަމައަށް ލިބޭނެ ކަމަށް އެ ހޮސްޕިޓަލުން މައުލޫމާތު ދެއެވެ. އަދި މިކަމާ ގުޅޭ އިތުރު މައުލޫމާތު ސާފުކުރުމަށް ބޭނުންވާ ފަރާތްތަކުން 3335335 އަށް ގުޅުމަށް އައިޖީއެމްއެޗުން ވަނީ އެދިފައެވެ.
ހޮސްޕިޓަލުން އިތުރަށް އިލްތިމާސްކޮށްފައިވަނީ، ހިމަބިހީގެ އަލާމާތެއް ފެނިގެން ޑޮކްޓަރަށް ދައްކަން ދާއިރު ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން މާސްކް އެޅުމަށެވެ. މީގެ އިތުރުން، ބަލި ފެތުރުން ކުޑަކުރުމުގެ ގޮތުން ވީހާވެސް މަދު ބަޔަކާއެކު ހޮސްޕިޓަލަށް ދިޔުމަށްވެސް އައިޖީއެމްއެޗުން ވަނީ އިރުޝާދު ދީފައެވެ.