ޢާއިޝަތު ރަފާޙް ޢަލީ
އަޅުގަނޑުމެންގެ މާތް ނަބިއްޔާ ﷺ ވަނީ ޤުރުއާނުގައި ބަޔާންވެގެންވާ މަތިވެރި އަޚްލާޤީ ސިފަތަކާ ގުޅޭގޮތުން ވަރަށް ސާފުކޮށް އިރުޝާދު ދެއްވާފައެވެ. މުއުމިނުންގެ މައިކަނބަލުން ޢާއިޝާ ރަޟިޔަﷲ ޢަންހާގެ އަރިހުން، ރަސޫލާ ﷺ ގެ އުޅުއްވުމާއި އަޚްލާޤާ ބެހޭގޮތުން ސުވާލު ދެންނެވުމުން އެކަމަނާ ވިދާޅުވިއެވެ: "އެކަލޭގެފާނުގެ އަޚްލާޤަކީ ހަމަ ޤުރުއާނެވެ."
އެހެންކަމުން، ޙަޤީޤީ މާނައިގައި ޤުރުއާން އުފުލާ މީހެއްގެ ކިބައިގައި ހުންނަންޖެހޭ ސިފަތައް ދެނެގަންނަން ބޭނުންނަމަ، މާތް ނަބިއްޔާ ﷺ ގެ މަތިވެރި އަޚްލާޤަށް ބަލަންޖެހެއެވެ.
ރަސޫލާ ﷺ ގެ ކިބައިން ފެންނަން ހުރި ހުރިހާ މާތް ސިފަތަކަކީ ޤުރުއާނުގެ އަހުލުވެރިންގެ ކިބައިގައި ހުންނަންޖެހޭ ސިފަތަކެވެ. އަދި އެކަލޭގެފާނު ނަހީކުރެއްވި ކަންކަމަކީ ޤުރުއާނާ ބީރައްޓެހި ސިފަތަކެވެ. މީހަކު ޤުރުއާނުގެ އާޔަތްތައް ހިތުދަސްކޮށްފައި ހުރި ކަމުގައި ވިޔަސް، އެއާ އެއްގޮތަށް އަމަލުނުކުރާ ނަމަ، އޭނާއަކީ ޤުރުއާނުގެ އަހުލުވެރިންގެ ތެރެއިންވާ މީހެއް ނޫނެވެ.
ޤުރުއާނުގެ މަތިވެރިކަން ބަޔާންކުރައްވައި މާތް ﷲ ވަޙީކުރައްވާފައިވެއެވެ. "ތިމަންރަސްކަލާނގެ އެއުރެންނަށް ފޮތް ދެއްވި މީހުން އެފޮތް ކިޔަވަންވީ حق ގޮތުގައި އެފޮތް ކިޔަވައި އުޅެތެވެ. އެއުރެން އެ ފޮތަށް إيمان ވެތެވެ. އަދި އެފޮތަށް كافر ވާ މީހުން (ދަންނާށެވެ!) ފަހެ، އެއުރެންނީ ހަމަ ގެއްލެނިވެގެންވާ މީހުންނެވެ.(އަލްބަޤަރާ: 121)
މި އާޔަތުގެ ތަފްސީރުގައި މުޖާހިދު ބިން ޖަބްރު ރަޙިމަހުﷲ ވިދާޅުވެފައިވަނީ، އޭގެ މާނައަކީ އެ ފޮތުގައިވާ އަމުރުފުޅުތަކަށް އެންމެ ފުރިހަމަ ގޮތުގައި ތަބަޢަވެ ޢަމަލުކުރުން ކަމަށެވެ.
ޤުރުއާން އުފުލާ މުއުމިނެއްގެ އެންމެ މުހިންމު ސިފައަކީ، އެ ފޮތުގައިވާ އަޚްލާޤީ މިންގަނޑުތަކަށް ތަބަޢަވުމެވެ. އެއީ މާތް ﷲ އަށް އަދާކުރަންޖެހޭ އަޅުކަންތަކުގައްޔާއި، އެކަލާނގެ މަޚްލޫޤުންނާ މުޢާމަލާތް ކުރުމުގައި ވެސް ޤުރުއާނުގެ އިރުޝާދުތަކުގައި ސާބިތުކަމާއެކު ހިފެހެއްޓުމެވެ.
- މިއަދުނޫސް