ކުރިއަށް އޮތް ދެ މަހެއްހާ ދުވަހުގެ ތެރޭގައި ރާއްޖެއަށް ދިމާވެފައިވާ ބޭހުގެ މައްސަލައަށް ވަރަށް ބޮޑު އަދި ހެޔޮ ބަދަލެއް އަންނާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ރައީސް މިހެން ވިދާޅުވީ ރައްޔިތުންގެ ސުވާލުތަކަށް ޖަވާބު ދެއްވުމަށް ކުރިއަށްގެންދާ "ނޭޝަން ޗެޓް" ޕްރޮގްރާމުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ބޭހުގެ މައްސަލަ ހައްލުކުރުމަށްޓަކައި ސަރުކާރުން މިހާރު ޚާއްސަ ކުންފުންޏެއް އުފައްދާފައިވާ ކަމަށެވެ. "ސްޓޭޓް ޕާމަސޫޓިކަލްސް" ގެ ނަމުގައި އުފެއްދި މި ކުންފުނިން ބޭހުގެ މައްސަލަ ހައްލުކުރުމަށް ގިނަ މަސައްކަތްތަކެއް އެއްފަހަރާ ކުރަމުންދާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ޚާއްސަކޮށް ދިގުމުއްދަތަށް ބޭސް ބޭނުންކުރާ ފަރާތްތަކަށް ދިމާވާ ދަތިތަކަށް އިޝާރާތް ކުރައްވައި ރައީސް ވިދާޅުވީ، އެފަދަ ފަރާތްތަކަށް ދެމެހެއްޓެނިވި ގޮތެއްގައި ބޭސް ލިބޭނެ އިންތިޒާމު ހަމަޖެއްސުމުގެ މަސައްކަތް މިހާރު ކުރިއަށްދާ ކަމަށެވެ. މީގެ ސަބަބުން ބޭސް ހޯދުމުގައި އާންމުން އުފުލަންޖެހޭ ތަކުލީފުތަކަށް ބޮޑު ލުޔެއް ލިބިގެންދާނެ ކަމަށް އެމަނިކުފާނު ޔަގީންކަން ދެއްވިއެވެ.
މި މަސައްކަތްތަކުގެ ނަތީޖާއާ ގުޅޭގޮތުން ރައީސް ވިދާޅުވީ، "ވަރަށް ބޮޑު ބަދަލެއް އަންނާނެ އިނގޭތޯ. އެކަމަށްޓަކައި އުފެއްދި ސްޓޭޓް ފާމާ ކުންފުނިން މިހާރުވެސް ވަރަށް ގިނަ މަސައްކަތްކޮށްފި. ޖޫން ޖުލައިއާ ހަމައަށް ދާއިރު ވަރަށް ބޮޑުތަނުން ރަނގަޅުވާނެ،" ކަމަށެވެ.
ބޭހުގެ މައްސަލައަކީ ރާއްޖޭގެ ސިއްހީ ނިޒާމަށް ދިމާވެފައިވާ ބޮޑު ގޮންޖެހުމަކަށްވާއިރު، ސަރުކާރުން އުފެއްދި އާ ކުންފުނީގެ ސަބަބުން ބޭސް އެތެރެކުރުމާއި ފޯރުކޮށްދިނުމުގެ ނިޒާމު އިތުރަށް ހަރުދަނާވެ، ކުރިއަށް އޮތް މަސްތަކުގައި އޭގެ ފައިދާ ރައްޔިތުންނަށް ފެންނަން ފަށާނެ ކަމަށް ބެލެވެއެވެ.