މޯލްޑިވްސް ރިޓަޔަރމަންޓް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީހުގެ ބޯޑުގެ ޗެއަރޕާސަންގެ މަޤާމަށް ޢަބްދުލްމަޖީދު ޢަލީ އައްޔަން ކުރައްވައިފިއެވެ. މި އައްޔަންކުރެއްވުމާ ގުޅޭ މަޢުލޫމާތު ޕެންޝަން އޮފީހުން މިހާރު ވަނީ ރަސްމީކޮށް ހާމަކުރައްވާފައެވެ.
ޕެންޝަން އޮފީހުގެ ބޯޑުގެ ޗެއަރޕާސަންގެ މަޤާމަށް އައު ބޭފުޅަކު އައްޔަން ކުރައްވާފައިވަނީ، އެ މަޤާމުގައި ކުރިން ހުންނެވި އަހުމަދު އިނާޒް މަޤާމުން އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ. ޢަބްދުލްމަޖީދު ޢަލީ މި މަޤާމަށް އައްޔަން ކުރައްވާފައިވަނީ މި ހިނގާ ނޮވެމްބަރު މަހުގެ 21 ވަނަ ދުވަހުއެވެ.
ޢަބްދުލްމަޖީދު ޢަލީ އަކީ މިދިޔަ އަހަރުގެ މާރިޗު މަހުން ފެށިގެން ޕެންޝަން އޮފީހުގެ ބޯޑުގައި ޕްރައިވެޓް ސެކްޓަރ ތަމްސީލު ކުރައްވާ މެންބަރެއްގެ ގޮތުގައި ޚިދުމަތް ކުރައްވަމުން ގެންދެވި ބޭފުޅެކެވެ. އެހެންކަމުން އޭނާއަކީ ބޯޑުގެ މަސައްކަތްތަކާއި ޕެންޝަން ނިޒާމުގެ ކަންކަން ރަނގަޅަށް ދެނެވަޑައިގަންނަވާ ބޭފުޅެކެވެ.
މާލީ ދާއިރާގެ ތަޖުރިބާކާރެއްގެ ގޮތުގައި ފާހަގަކުރެވޭ މަޖީދަކީ އޮޑިޓް އަދި ފައިނޭންޝަލް ކޮންސަލްޓަންސީ ފޯރުކޮށްދޭ ރެޖިސްޓަރޑް އޮޑިޓް ކުންފުންޏެއް ހިންގަވަމުން ގެންދަވާ ބޭފުޅެކެވެ. އޭނާގެ ތަޖުރިބާގެ ސަބަބުން ޕެންޝަން އޮފީހުގެ ހިންގުމަށާއި ކުރިމަގުގެ ރޭވުންތަކަށް އިތުރު ކުރިއެރުމެއް ލިބިގެންދާނެ ކަމަށް ބެލެވެއެވެ.