ބޮޑުތަކުރުފާނު މަގު ބީއެމްއެލް ކުރިމަތީ ސައިކަލް ޕާކުކުރުމަށް، 588 ސްލޮޓްގެ ޕާކިންގއެއް ތަރައްޤީކުރަނީ

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 10ސ
ބޮޑުތަކުރުފާނު މަގު ބީއެމްއެލް ކުރިމަތީ ސައިކަލް ޕާކުކުރުމަށް، 588 ސްލޮޓްގެ ޕާކިންގއެއް ތަރައްޤީކުރަނީ

މާލޭގެ ބޮޑުތަކުރުފާނު މަގުގައި ހުންނަ ބޭންކް އޮފް ސިލޯން ކުރިމަތީގައި 588 ސައިކަލް ޕާކުކުރެވޭނެ އާ ޕާކިންގ ސަރަޙައްދެއް ތަރައްޤީކުރުމުގެ މަސައްކަތް އެމްޓީސީސީން ފަށައިފިއެވެ. މި މަޝްރޫޢަކީ މާލޭގެ މަގުތަކުގެ ތޮއްޖެހުން ކުޑަކުރުމަށް ކުރިއަށްގެންދާ މަސައްކަތްތަކުގެ ތެރެއިން ހިމެނޭ މަޝްރޫޢެކެވެ.

ދައުލަތުގެމީޑިއާއަށް މައުލޫމާތު ދެއްވަމުން އެމްޓީސީސީގެ ޕްރޮޖެކްޓް މެނޭޖަރ ޝަރުވަޒް ޢަބްދުﷲ ވިދާޅުވީ، ބޮޑުތަކުރުފާނު މަގުގެ ބޭންކް އޮފް ސިލޯން ކުރިމަތީގައި ތަރައްޤީކުރާ މި ޕާކިންގ ޒޯނަކީ ޖުމްލަ 588 ސްލޮޓް ހިމެނޭ ގޮތަށް ފަރުމާކުރެވިފައިވާ ތަނެއް ކަމަށެވެ.

މި ޕާކިންގ ސަރަޙައްދާ ގުޅޭގޮތުން އިތުރު ތަފްޞީލް ދެއްވަމުން ޝަރުވަޒް ވިދާޅުވީ، "ބެންކް އޮފް ސިލޯން ކުރިމަތީގައި 588 ސްލޮޓްގެ ޕާކިންގއެއް، އެއީ 1400 އަކަފޫޓުގެ ސަރަޙައްދެއްގައި ޕާކިންގއެއް ހަދަނީ" ކަމަށެވެ. މި ސަރަޙައްދަކީ ގިނަ އަދަދެއްގެ މީހުން ޚިދުމަތް ހޯދުމަށް ޒިޔާރަތްކުރާ ސަރަޙައްދަކަށް ވުމުން، މި ޕާކިންގ ޒޯނާއެކު ޕާކުކުރުމަށް ދިމާވާ ދަތިތަކަށް ބޮޑު ލުޔެއް ލިބިގެންދާނެއެވެ.

އެމްޓީސީސީން ހާމަކުރި ގޮތުގައި، ބޮޑުތަކުރުފާނު މަގުގެ ތަރައްޤީގެ މަސައްކަތްތައް މިހާރު ވަނީ ނިމުމަކާ ގާތްވެފައެވެ. މި މަޝްރޫޢުގެ ދަށުން މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީކޮށް، ޕާކިންގއަށް ޚާއްޞަ ޖާގަތައް ކަނޑައެޅުމުގެ މަސައްކަތްތައް ދަނީ ބާރުސްޕީޑުގައި ކުރިއަށެވެ.

މިއަދު އޮންލައިން