ކުރިއަށް އޮތް ބަންދު ދުވަސްވަރަކީ ގިނަ ބަޔަކު ދަތުރުފަތުރުކޮށް، އެއްވެ އުޅޭ ދުވަސްވަރަކަށް ވާތީ، ބަލިތަކުން ރައްކާތެރިވުމަށް ޚާއްޞަ ސަމާލުކަމެއް ދިނުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އިލްތިމާސްކޮށްފިއެވެ. އެޗްޕީއޭއިން މިކަމަށް އިލްތިމާސްކުރީ ރާއްޖޭގެ އެކި ހިސާބުތަކުގައި ޑެންގީ، އަރިދަފުސް ރޯގާ އަދި އިންފްލުއެންޒާ ފެންނަ މިންވަރު އިތުރުވަމުންދާތީ އާއި މާލެ ސަރަހައްދުން ހިމަބިހީގެ ކޭސްތަކެއް ފެނިފައިވާ ދަނޑިވަޅެއްގައެވެ.
އެޗްޕީއޭއިން ވަނީ ބަލިތަކުން ރައްކާތެރިވުމަށްޓަކައި ގިނަ ފިޔަވަޅުތަކެއް އެޅުމަށް އިރުޝާދު ދީފައެވެ. އެގޮތުން ހުން އައިސް ނުވަތަ ނޭވާލާ ނިޒާމުގެ ބައްޔެއްގެ އަލާމާތެއް ފެންނަނަމަ ގޭގައި މަޑުކުރުމަށާއި، އާންމު އެއްވުންތަކުގައި ބައިވެރިނުވުމަށް ވަނީ އެދިފައެވެ. އަދި ބަލިޖެހިގެން ހާލަތު ގޯސްވާނަމަ ލަސްނުކޮށް ސިއްހީ ފަރުވާ ހޯދުމަށާއި، ފަރުވާ ހޯދަން ދާއިރު މާސްކް އެޅުމަށް ވަނީ އިރުޝާދު ދީފައެވެ.
މީގެ އިތުރުން، ހިމަބިހީގެ އަލާމާތެއް ފެނިގެން ޓެސްޓް ހަދައިފިނަމަ ނަތީޖާ ލިބެންދެން އެކަހެރިވެގެން ހުރުމަށާއި، އެއާޕޯޓް ޓާމިނަލްތަކާއި ފެރީ ލައުންޖް ފަދަ މީހުން ގިނަ ބަންދު ތަންތަނުގައި މާސްކް އެޅުމަށް އެޗްޕީއޭއިން ބާރުއަޅައެވެ. އަދި ސައިބޯނި ލައިގެން އަތް ދޮވުމާއި، ވެކްސިންގެ ޑޯޒްތައް ފުރިހަމަކުރުމަކީ ބަލިތަކުން ރައްކާތެރިވުމަށް މުހިންމު ކަމެއްގެ ގޮތުގައި ވަނީ ފާހަގަކޮށްފައެވެ.
މަދިރީގެ ޒަރިއާއިން ޖެހޭ ބަލިތަކުން ރައްކާތެރިވުމަށްޓަކައި، މަދިރި ހެފުމުން ސަލާމަތްވުމަށް މަދިރި ލޯޝަން ނުވަތަ ސްޕްރޭ ބޭނުންކުރުމަށާއި، ހަށިގަނޑު ބޮޑަށް ނިވާވާ ގޮތަށް ހެދުން އެޅުމަށް އެޗްޕީއޭއިން ވަނީ އިލްތިމާސްކޮށްފައެވެ. ހަމައެއާއެކު، ގެއާއި ގޯތިތެރޭގައި މަދިރި އުފެދި އާލާވާ ފަދަ ތަންތަން ނައްތާލުމަށް ޚާއްޞަ ސަމާލުކަމެއް ދިނުމަށް ވެސް ވަނީ އިރުޝާދު ދީފައެވެ.
އެޗްޕީއޭއިން އިތުރަށް ބުނެފައިވަނީ، އާންމު ސިއްހަތާ ގުޅުންހުރި މައުލޫމާތު ހޯދުމުގައި ރަސްމީ ވަސީލަތްތަކުން ހިއްސާކުރާ މައުލޫމާތަށް ބަރޯސާވުމަކީ މުހިންމު ކަމެއް ކަމަށެވެ. މި ދުވަސްވަރަކީ އީދު ބަންދާ ދިމާކޮށް ދަތުރުފަތުރު އިތުރުވާނެ ދުވަސްވަރަކަށް ވާތީ، އެންމެހާ ރައްޔިތުން މިކަންކަމަށް ސަމާލުވުމަށް އެ އިދާރާއިން ވަނީ އެދިފައެވެ.