ކުރިއަށް އޮތް ޙައްޖު ދުވަހާއި އަޟްޙާ ޢީދު ދުވަހާ ދިމާކޮށް ފިއުލް ސަޕްލައި މޯލްޑިވްސް (އެފްއެސްއެމް) އިން ތެޔޮ އަޅައިދޭ ގަޑިތަކަށް ބަދަލުތަކެއް ގެނެސް، އެ ގަޑިތައް އާންމުކޮށްފިއެވެ. މި ބަދަލުތައް ގެނެސްފައިވަނީ މާލެއާއި އަތޮޅުތަކުގައި އެ ކުންފުނިން ޚިދުމަތް ދެމުންދާ ފިއުލް ޝެޑްތަކާއި ތެޔޮ އަޅާ މަރުކަޒުތަކަށެވެ.
އެފްއެސްއެމްއިން އާންމުކޮށް 24 ގަޑިއިރު ޚިދުމަތް ދެމުން އަންނަ ހުޅުމާލެ ފޭސް 1 ގެ ޕެޓްރޯލް ޝެޑާއި، މާލޭގެ ސްޓެލްކޯ ކައިރީގައި ހުންނަ ޝެޑު މި ދެ ދުވަހު ވަކި ގަޑިތަކެއްގައި ބަންދުކުރުމަށް ވަނީ ނިންމާފައެވެ. އެގޮތުން ޙައްޖު ދުވަހު ހެނދުނު 10:00 އިން މެންދުރު 14:00 އަށް އަދި އަޟްޙާ ޢީދު ދުވަހު ހެނދުނު 06:00 އިން މެންދުރު 14:00 އަށް މި ދެ ޝެޑު ބަންދުވާނެއެވެ. ނަމަވެސް އެ ގަޑިތަކުގެ ފަހުން އާންމު އުސޫލުން 24 ގަޑިއިރު ޚިދުމަތް ލިބޭނެއެވެ.
އަތޮޅުތެރޭގެ ރަށްތަކަށް ބަލާއިރު، ތިލަފުއްޓާއި، އައްޑޫ ސިޓީ ގަން، ތިނަދޫ ސިޓީ އަދި ފުވައްމުލަކު ސިޓީގައި ހުންނަ އެފްއެސްއެމްގެ ޝެޑްތަކުން މި ދުވަސްތަކުގައި ޚިދުމަތް ދޭނީ މެންދުރު 14:00 އިން ރޭގަނޑު 22:00 އަށެވެ. މީގެ އިތުރުން މާލެ ސަރަހައްދުގައި ހުރި އީޒީ ފިލް 2 އަދި އީޒީ ފިލް 4 އިން ޚިދުމަތް ލިބޭނީ މެންދުރު 14:00 އިން ރޭގަނޑު 23:00 އަށެވެ.
މީގެ އިތުރުން އެ ކުންފުނިން ޚިދުމަތް ދެމުންދާ އިތުރު 8 ރަށެއްގައި ޙައްޖު ދުވަހާއި ޢީދު ދުވަހު ޚިދުމަތް ދިނުމަށް ހަމަޖެހިފައިވަނީ މެންދުރުފަހު 14:30 އިން ރޭގަނޑު 23:00 އަށް ކަމަށް އެފްއެސްއެމްއިން މައުލޫމާތު ދެއެވެ. މި ބަދަލުތަކަކީ ބަންދު ދުވަސްތަކާ ގުޅިގެން މުވައްޒަފުންނަށް ލުއި ފަސޭހަކޮށްދިނުމުގެ ގޮތުން ގެނެވުނު ބަދަލުތަކެކެވެ.