އަޟްޙާ އީދުގެ ފޯރިއާއި، ކުލަގަދަ ސަޤާފީ ހަރަކާތްތައް ދުނިޔެއަށް ދައްކާލަނީ

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 36ސ
އަޟްޙާ އީދުގެ ފޯރިއާއި، ކުލަގަދަ ސަޤާފީ ހަރަކާތްތައް ދުނިޔެއަށް ދައްކާލަނީ

މި އަހަރުގެ އަޟްޙާ ޢީދާ ދިމާކޮށް، ދިވެހިރާއްޖޭގެ އީދުގެ ފޯރިއާއި، ކުލަގަދަ ސަޤާފީ ހަރަކާތްތައް ދުނިޔެއަށް ދައްކާލުމަށް ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަން (ވީއެމްސީ) އިން ތައްޔާރުވެއްޖެއެވެ. މި ހަރަކާތުގެ ދަށުން ރާއްޖޭގެ މުއްސަނދި ސަޤާފަތާއި އާދަކާދަތައް ބައިނަލްއަޤުވާމީ މައިދާނުގައި އިޝްތިހާރު ކުރުމަށް ވަނީ ރޭވިފައެވެ.

މި ހަރަކާތްތައް ވިޒިޓް މޯލްޑިވްސްގެ ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކާއި ވެބްސައިޓް މެދުވެރިކޮށް ދުނިޔެއަށް ގެނެސްދޭނެއެވެ. މި މަސައްކަތަށްޓަކައި އެ ކޯޕަރޭޝަނުގެ ބޮޑު ޓީމެއް ރ. މީދޫގައި ހަރަކާތްތެރިވަމުން ދާނެ ކަމަށް ވީއެމްސީ އިން މަޢުލޫމާތު ދެއެވެ.

ވިޒިޓް މޯލްޑިވްސް އިން ވިދާޅުވީ، މެއި މަހުގެ 26 އިން 30 ގެ ނިޔަލަށް ކުރިއަށްދާ މި ހަރަކާތުގެ މައިގަނޑު މަޤުސަދަކީ ރާއްޖެއަކީ ހަމައެކަނި މަތީ ފަންތީގެ ފަތުރުވެރިކަމަށް މަޝްހޫރު ތަނެއްގެ އިތުރުން، މުއްސަނދި ސަޤާފަތަކާއި އަމިއްލަވަންތަ އާދަކާދަތަކެއް އޮތް ޤައުމެއްކަން ބައިނަލްއަޤުވާމީ މުޖުތަމަޢަށް ހާމަކޮށްދިނުން ކަމަށެވެ.

މި ކަވަރޭޖުގައި، ރަށުގެ ޢީދު ފޯރިއާއި، އާދަކާދަތަކާއި އަދި އެ ހަރަކާތްތަކުގެ ފަހަތުގައިވާ މުހިންމު ވާހަކަތައް ވީޑިއޯ ރިޕޯޓްތަކާއި، ސޯޝަލް މީޑިއާ ޕޯސްޓުތަކުގެ އެހީގައި ގެނެސްދޭނެއެވެ. މިއީ، ރާއްޖޭގެ ރަށްތަކުގެ ދިރިއުޅުމާއި، މުޖުތަމަޢުގެ ބަދަހިކަން ދައްކުވައިދީ، ފަތުރުވެރިކަމުގެ ތަޖުރިބާއާއި، ދިވެހި ސަޤާފަތް ގުޅުވާލުމަށް ކުރާ މުހިންމު މަސައްކަތެކެވެ.

އީދުގެ ފޯރިއާއި، ކުލަގަދަ ސަޤާފީ ހަރަކާތްތަކުގެ ތެރޭގައި ހިމެނޭ މުހިންމު ސަޤާފީ ކަންކަމުގެ ތެރޭގައި ވެދުމާ ދިއުން، ބޮޑުމަސް ބޭނުން، މާލި އަދި ކޯޑި ކެނޑުން ފަދަ އެންމެ ކުރީ ޒަމާނުން ފެށިގެން ދިވެހިންގެ ތެރޭގައި ބޮޑު ޢީދު ފާހަގަކުރުމަށް ކުރިއަށް ގެންދާ މުހިންމު ސަޤާފީ ކުޅިވަރުތައް ހިމެނެއެވެ. މީގެ އިތުރުން، ރ. މީދޫގައި ކުރިއަށް ގެންދާ އެރަށުގެ ޚާއްސަ ހަރަކާތްތައް ވެސް މި ކަވަރޭޖުގެ ތެރެއިން ހިއްސާކުރާނެއެވެ.

މިއަދު އޮންލައިން