ޗައިނާގައި މައިންއެއް ގޮވުމުގެ ހަދިސާއާއި ގުޅިގެން ރައީސް ތައުޒިޔާ ފޮނުއްވައިފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 6ސ
ޗައިނާގައި މައިންއެއް ގޮވުމުގެ ހަދިސާއާއި ގުޅިގެން ރައީސް ތައުޒިޔާ ފޮނުއްވައިފި

ޗައިނާގެ ޝަންޒީ ޕްރޮވިންސްގައި ކޯލް މައިންއެއް ގޮވާ ހިނގި ނުރައްކާތެރި ހާދިސާގައި ގިނަ އަދަދެއްގެ ބަޔަކު މަރުވުމާ ގުޅިގެން، ޗައިނާގެ ރައީސް ޝީ ޖިންޕިންއަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ތައުޒިޔާ ފޮނުއްވައިފިއެވެ.

މި ހާދިސާގެ ޚަބަރު އެއްސެވީ ފުން ހިތާމައާއެކު ކަމަށް ރައީސުލްޖުމްހޫރިއްޔާ ޝީ ޖިންޕިންއަށް ފޮނުއްވެވި މެސެޖުގައި ވިދާޅުވެފައިވެއެވެ.

ރައީސުލްޖުމްހޫރިއްޔާ ވަނީ މި ހާދިސާގައި މަރުވި މީހުންގެ އާއިލާތަކަށާއި، ޗައިނާގެ ސަރުކާރަށާއި ރައްޔިތުންނަށް އިޚްލާޞްތެރި ތައުޒިޔާ ރައްދުކުރައްވާފައެވެ. އަދި ހިތާމައިގެ މި ދަނޑިވަޅުގައި ދިވެހިރާއްޖެ އޮތީ ޗައިނާއާއެކު ސާބިތުކަމާއެކު ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ މެސެޖު ނިންމަވާލައްވާފައިވަނީ މި ހާދިސާގެ އަސަރުކުރި ފަރާތްތަކަށް ކެތްތެރިކަމާއި ހިތްވަރު ދެއްވުމަށް އެދިވަޑައިގަންނަވަމުންނެވެ. މީގެ އިތުރުން، އެ ސަރަހައްދުގައި މިހާރު ކުރިއަށްދާ މީހުން ސަލާމަތްކުރުމުގެ މަސައްކަތްތަކަށް ކާމިޔާބީއަށް އެދިވަޑައިގަންނަވާ ކަމަށްވެސް ރައީސް ވިދާޅުވެފައިވެއެވެ.

ޗައިނާގެ ޝަންޒީ ޕްރޮވިންސްގެ ލިއުޝެންޔޫ ކޯލް މައިންގައި ހިނގި މި ގޭސް ގޮވުމުގެ ހާދިސާގައި 82 މީހުން މަރުވެފައިވާ ކަމަށް ބައިނަލްއަޤްވާމީ މީޑިއާތަކުން ވަނީ ރިޕޯޓްކޮށްފައެވެ.

މިއަދު އޮންލައިން