އިސްލާމީ ބޭންކިން ދާއިރާއަށް ޚާއްސަކޮށްގެން ދޭ ބައިނަލްއަގުވާމީ ޝަރަފުވެރި އެވޯޑެއް މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) އަށް ލިބިއްޖެއެވެ. މި އެވޯޑަކީ ކެޕިޓަލް ފައިނޭންސް އިންޓަރނޭޝަނަލް (ސީއެފްއައި.ކޯ) އިން ދޭ "ޗެމްޕިއަން އޮފް އިންޓަގްރޭޓެޑް އިސްލާމިކް ފައިނޭންޝަލް ސްޓްރެޓެޖީޒް – އިންޑިއަން އޯޝަން 2026" އެވޯޑެވެ.
މޯލްޑިވްސް އިސްލާމިކް ބޭންކުން ބުނި ގޮތުގައި، މިއީ އިސްލާމީ ބޭންކިންގގެ ދާއިރާގައި އެ ބޭންކުން ގެންގުޅޭ ހަރުދަނާ އުސޫލުތަކާއި ދެމެހެއްޓެނިވި މާލީ ކާމިޔާބީގެ އަގު ވަޒަންކުރުމުގެ ގޮތުން ދީފައިވާ އެވޯޑެކެވެ. މި އެވޯޑާއެކު ބައިނަލްއަގުވާމީ މާލީ މައިދާނުގައި އެމްއައިބީގެ މަގާމު އިތުރަށް ވަރުގަދަވެގެން ގޮސްފައިވާކަން އެ ބޭންކުން ފާހަގަކުރެއެވެ.
ރާއްޖެފަދަ ޖަޒީރާ ގައުމެއްގައި ބޭންކިންގ ޚިދުމަތް ފޯރުކޮށްދިނުމުގައި ހުރި ގޮންޖެހުންތަކާއެކުވެސް، ޑިޖިޓަލް ޓެކްނޮލޮޖީގެ އެހީގައި އެމްއައިބީން ހޯދާފައިވާ ކުރިއެރުންތައް ސީއެފްއައި.ކޯ އިން ވަނީ ފާހަގަކޮށްފައެވެ. ވަގުތުން އެކައުންޓް ހުޅުވުމާއި، ހުރިހާ ޚިދުމަތަކަށް އޮންލައިންކޮށް އެދުމުގެ މަގު ފަހިކޮށްދީ، ރާއްޖޭގެ ހުރިހާ އަތޮޅުތަކަށް ޚިދުމަތް ފޯރުކޮށްދިނުމުގައި އެ ބޭންކުން ދައްކުވައިދީފައިވާ ނަމޫނާއަށް އެ ޖަމިއްޔާއިން ތައުރީފުކޮށްފައިވެއެވެ.
މީގެ އިތުރުން، އެމްއައިބީގެ ހިންގުމުގެ އޮނިގަނޑު ހަރުދަނާކުރުމަށް ދިވެހި ސަރުކާރާއި އިސްލާމިކް ކޯޕަރޭޝަން ފޯ ދަ ޑިވެލޮޕްމަންޓް އޮފް ދަ ޕްރައިވެޓް ސެކްޓަރ (އައިސީޑީ) އިން ކުރަމުންދާ މަސައްކަތްތައްވެސް އެވޯޑު ދިނުމުގައި ވަނީ ބަލާފައެވެ. ބޭންކުގެ ޝަރީޢާ ކައުންސިލާއި ބޯޑު ފެންވަރުގައި ގާއިމުކޮށްފައިވާ ވަރުގަދަ ނިޒާމުތަކަކީ މި ކާމިޔާބީގެ މައިގަނޑު އެއް އަސާސް ކަމުގައި ސީއެފްއައި.ކޯ އިން ފާހަގަކުރެއެވެ.