ސަޢުދީޢަރަބިއްޔާގެ މައްކާގައި މިއަހަރު ބޭއްވުމަށް ހަމަޖެހިފައިވާ 46 ވަނަ ”ކިންގް ޢަބްދުލްޢަޒީޒް އިންޓަރނޭޝަނަލް ކޮމްޕެޓިޝަން ފޮރ ދަ މެމޮރައިޒޭޝަން، ރެސިޓޭޝަން އެންޑް އިންޓަރޕްރިޓޭޝަން އޮފް ދަ ހޮލީ ޤުރްއާން“ މުބާރާތުގައި ރާއްޖެ ތަމްސީލްކުރާނެ ބައިވެރިން ހޯދުމަށް ކީރިތި ޤުރުއާނާ ބެހޭ ޤައުމީ މަރުކަޒުން އިޢުލާންކޮށްފިއެވެ. މި ބައިނަލްއަޤުވާމީ މުބާރާތުގައި ބައިވެރިވުމުގެ ދަޢުވަތު ރާއްޖެއަށް މިހާރު ވަނީ ލިބިފައެވެ.
މި މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު ދެ ކެޓެގަރީއަކުން ވަނީ ހުޅުވާލާފައެވެ. އެއީ މުޅި ޤުރުއާން އެއްކޮށް ތަޖުވީދުގެ ހަމަތަކާއެކު ހިތުން ކިޔެވުމުގެ ބަޔާއި، ވިދިވިދިގެން ޤުރުއާނުގެ 15 ފޮތް ތަޖުވީދުގެ ހަމަތަކާއެކު ހިތުން ކިޔެވުމުގެ ބައެވެ. ކޮންމެ ކެޓެގަރީއަކުންވެސް އަންހެން އަދި ފިރިހެން ބައިވެރިއަކަށް ބައިވެރިވުމުގެ ފުރުޞަތު ލިބިގެންދާނެއެވެ.
މި މުބާރާތުގައި ބައިވެރިވާން އެދޭ ފަރާތްތަކުން އަންނަ މަހުގެ 3 ވަނަ ދުވަހުގެ ކުރިން އެކަމަށް އެދި ހުށަހަޅަންޖެހެއެވެ. ބައިވެރިވާ ފަރާތްތަކުގެ ކިބައިގައި ހުންނަންޖެހޭ ޝަރުތުތަކުގެ ތެރޭގައި ދިވެހި ރައްޔިތަކަށް ވުމާއި، އުމުރުން 25 އަހަރު ފުރިފައިނުވާ މީހަކަށްވުން ހިމެނެއެވެ. މީގެ އިތުރުން ރާއްޖޭގެ މަޝްހޫރު ޤާރީއަކަށް ނުވުމާއި، މީގެ ކުރިން މި މުބާރާތުގައި ބައިވެރިވެފައިވާ ފަރާތަކަށް ވެގެން ނުވާނެއެވެ.
ކެޓެގަރީތަކަށް ބަލާއިރު، މުޅި ޤުރުއާން ހިތުން ކިޔެވުމުގެ ބައިގައި ބައިވެރިވެވޭނީ ޤުރުއާން ޙިފްޡުކޮށް ސަނަދު ޙާޞިލުކޮށްފައިވާ ފަރާތްތަކަށެވެ. އަދި 15 ފޮތުގެ ބައިގައި ބައިވެރިވެވޭނީ ވިދިވިދިގެން 15 ފޮތް ތަރުތީބުން ހިތުން ދަސްކޮށްފައިވާ ފަރާތްތަކަށެވެ. ދެ ކެޓެގަރީގައިވެސް ތަޖުވީދުގެ ޙުކުމްތަކާއެކު ރަނގަޅަށް ކިޔަވަން އެނގުން ލާޒިމްކުރެއެވެ.
ކީރިތި ޤުރުއާނާ ބެހޭ ޤައުމީ މަރުކަޒުން ވިދާޅުވި ގޮތުގައި، މުބާރާތަށް ބައިވެރިން ހޮވާނީ ކުރިމަތިލާ ފަރާތްތަކުގެ މެދުގައި ބޭއްވޭ އިމްތިޙާނަކަށް ފަހުގައެވެ. މި މުބާރާތަށް ހޮވޭ ފަރާތްތަކުގެ ތެރޭގައި ފެނުމުން މަޙުރޫމުވެފައިވާ ފަރާތެއް، ނުވަތަ ޚާއްޞަ އެހީއަށް ބޭނުންވާ ފަރާތެއް، ނުވަތަ ޢުމުރުން 17 އަހަރު ނުފުރޭ ކުއްޖަކު ހިމެނޭނަމަ، އެ ފަރާތަކާއެކު ބެލެނިވެރިޔަކު ގެންދިޔުމުގެ އިންތިޒާމް މުބާރާތް އިންތިޒާމުކުރާ ފަރާތުން ހަމަޖައްސައިދޭނެ ކަމަށްވެސް އެ މަރުކަޒުން މަޢުލޫމާތު ދެއްވައެވެ.