15 ރަށެއްގެ ޞިއްޙީ މަރުކަޒުގައި ލެބޯޓަރީ ޢިމާރާތް ކޮށްދޭނެ ބަޔަކު ހޯދުމަށް އިޢުލާންކޮށްފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 22ސ
15 ރަށެއްގެ ޞިއްޙީ މަރުކަޒުގައި ލެބޯޓަރީ ޢިމާރާތް ކޮށްދޭނެ ބަޔަކު ހޯދުމަށް އިޢުލާންކޮށްފި

ރާއްޖޭގެ 15 ރަށެއްގެ ޞިއްޙީ މަރުކަޒުގައި ލެބޯޓަރީ ޢިމާރާތް ކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތްތަކެއް ހޯދުމަށް މިނިސްޓްރީ އޮފް ހެލްތުން އިޢުލާންކޮށްފިއެވެ. މިއީ އަތޮޅުތަކުގެ ރަށްރަށުގައި ލެބޯޓަރީގެ ޚިދުމަތް ޤާއިމުކުރުމަށް ސަރުކާރުން ކުރިއަށްގެންދާ މަޝްރޫޢުގެ ދަށުން ކުރެވޭ މަސައްކަތެކެވެ.

ޞިއްޙީ ވުޒާރާއިން ބުނީ ލެބޯޓަރީގެ ޚިދުމަތް މިހާތަނަށް ލިބެން ނެތް ރަށްރަށުގައި އެ ޚިދުމަތް ފެށުމަށްޓަކައި، ލެބޯޓަރީއަށް ޚާއްޞަ އިމާރާތްތައް ބިނާކުރުމަށް ވަނީ ނިންމާފައެވެ. މި މަޝްރޫޢުގެ ދަށުން މިއަހަރުގެ މިހާތަނަށް 18 ރަށެއްގައި ލެބޯޓަރީގެ ޚިދުމަތް އަލަށް ފަށާފައިވާކަން އެ ވުޒާރާއިން ފާހަގަކުރެއެވެ.

ލެބޯޓަރީ އިމާރާތް ކުރުމަށް އިޢުލާންކޮށްފައިވާ ރަށްތަކުގެ ތެރޭގައި ހިމެނެނީ ހއ. މުރައިދޫ، ހދ. ކުމުންދޫ، ހދ. ނައިވާދޫ، ށ. ގޮއިދޫ، ނ. ކުޑަފަރި، ނ. ފޮއްދޫ، ރ. ފައިނު، ބ. ކުޑަރިކިލު، ބ. ދޮންފަނު، އދ. ދިއްދޫ، މ. ރަތްމަންދޫ، ތ. އޮމަދޫ، ތ. ގާދިއްފުށި، ލ. މުންޑޫ އަދި ލ. ކުނަހަންދޫ އެވެ.

މި ރަށްތަކުގައި ލެބޯޓަރީ އިމާރާތް ކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކުން އަންނަ މަހުގެ 8 ވަނަ ދުވަހުގެ ކުރިން ރެޖިސްޓްރޭޝަން ޝީޓް ފުރިހަމަކުރުމަށްފަހު [email protected] އަށް އީމެއިލް ކުރުމަށް ޞިއްޙީ ވުޒާރާއިން ވަނީ އެދިފައެވެ. މި މަސައްކަތަކީ ރަށްރަށުގެ ޞިއްޙީ ނިޒާމު ހަރުދަނާކޮށް، ރައްޔިތުންނަށް ފަސޭހަކަމާއެކު ޓެސްޓުތައް ހެދޭނެ އިންތިޒާމު ހަމަޖެއްސުމަށް ސަރުކާރުން ދޭ އިސްކަމުގެ ދަށުން ކުރިއަށްދާ މަސައްކަތެކެވެ.

މިއަދު އޮންލައިން