ދުނިޔޭގެ މަސްވެރި ސިޔާސަތު ކަނޑައެޅުމުގެ މަންސަތަކުގައި ދިވެހިރާއްޖެއަކީ ވަރަށް ބޮޑަށް އަޑުއުފުލާ އަދި ނުފޫޒުގަދަ ޤައުމެއް ކަމަށް މަސްވެރިކަމާއި ދަނޑުވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު އަޙްމަދު ޝިޔާމް ވިދާޅުވެއްޖެއެވެ. ވަޒީރު މިހެން ވިދާޅުވީ ދައުލަތުގެ މީޑިއާއަށް ދެއްވި ބަސްދީގަތުމެއްގައެވެ.
ވަޒީރު ޝިޔާމް ފާހަގަކުރެއްވި ގޮތުގައި، ބައިނަލްއަޤުވާމީ މައިދާނުގައި މަސްވެރިކަމުގެ ސިޔާސަތުތައް ބައްޓަންކުރުމުގައި ރާއްޖެއިން އަދާކުރާ ދައުރު ދަނީ އިތުރުވަމުންނެވެ. މިގޮތުން، ރާއްޖޭގެ މަސްވެރިކަމުގެ އުފެއްދުންތަކަށް ބައިނަލްއަޤުވާމީ ބާޒާރުގައި ހަމައަގު ހޯދުމަށްޓަކައި މިފަދަ މަންސަތަކަކީ ނުހަނު މުހިންމު ދައުރެއް އަދާކުރާ ތަންތަން ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
މަސްވެރިކަމުގެ ދާއިރާގެ ބައިނަލްއަޤުވާމީ ސިޔާސީ މަޝްރަހަށް އަލިއަޅުއްވާލައްވަމުން ވަޒީރު ވިދާޅުވީ، "ދުނިޔޭގައި ވަކިން ހާއްސަކޮށް މަސްވެރި ޕޮލިޓިކްސްގައި ދިވެހިރާއްޖޭގެ އަޑަކީ ވަރަށް ވަރުގަދަ އަޑެއް،" ކަމަށެވެ. ރާއްޖޭގެ މަހަށް ރަނގަޅު އަގެއް ހޯދުމަށްޓަކައި ކުރަންޖެހޭ އެންމެ މުހިންމު އެއް މަސައްކަތަކީ ބޮޑެތި ޓެރިފްތައް ނުވަތަ ޑިއުޓީތައް ނަގާ ޤައުމުތަކާއެކު މަޝްވަރާކޮށް، އެ ޓެރިފްތައް ކުޑަކުރުން ނުވަތަ އެއްކޮށް އުވާލުން ކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ.
މީގެ އިތުރުން، ޓެރިފްތައް ޒީރޯ ކުރުމުގެ ލަނޑުދަނޑިއަށް ވާސިލްވުމަށްޓަކައި ގިނަގުނަ މަސައްކަތްތަކެއް ކުރަންޖެހޭ ކަމަށާއި، ސަރުކާރުން އެ އަމާޒަށް މަސައްކަތް ކުރަމުންދާ ކަމަށްވެސް ވަޒީރު ޝިޔާމް ވިދާޅުވިއެވެ. މި މަސައްކަތުގެ ސަބަބުން ދިވެހި މަސްވެރިންނަށް ލިބޭ އާމްދަނީ އިތުރުވެ، މަސްވެރިކަމުގެ ސިނާއަތަށް ބޮޑު ކުރިއެރުމެއް ލިބިގެންދާނެ ކަމަށް ބެލެވެއެވެ.