އައްޑޫ ސިޓީ ލިންކްރޯޑު މަރާމާތުކުރުމުގެ މަޝްރޫޢަށް ބޭނުންވާ ސާމާނު އެ ސިޓީއަށް ފޮނުވާފައިވާ ކަމަށާއި، މަގު ހެދުމަށް ބޭނުންވާ ސާވޭގެ މަސައްކަތްތައް މިހާރު އެއްކޮށް ނިމިފައިވާ ކަމަށް މޯލްޑިވްސް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ) އިން ވިދާޅުވެއްޖެއެވެ.
ދައުލަތުގެ ބަޖެޓުން ޖުމްލަ 829 މިލިއަނަށްވުރެ ގިނަ ރުފިޔާ ޚަރަދުކޮށްގެން ކުރިއަށްގެންދާ މި މަޝްރޫޢުގެ މަސައްކަތް އާރްޑީސީއާ ޙަވާލުކޮށްފައިވަނީ މިދިޔަ އަހަރުގެ އޭޕްރީލް މަހުގެ 25 ވަނަ ދުވަހުއެވެ. މި މަޝްރޫޢު ނިންމުމަށް ކަނޑައަޅާފައިވަނީ 3 އަހަރާއި 11 މަސްދުވަހުގެ މުއްދަތެކެވެ.
އާރްޑީސީން ޕީއެސްއެމް ނިއުސްއަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ، އައްޑޫ ލިންކްރޯޑް އަދި މަގުތައް ތަރައްޤީ ކުރުމުގެ މަޝްރޫޢަށް ބޭނުންވާ ބޮޑެތި އުޅަނދުތަކާއި އެހެނިހެން މުހިންމު ސާމާނުތައް މިހާރު ވަނީ އައްޑޫއަށް ގެންގޮސްފައެވެ. އަދި މަގުހެދުމުގެ ކުރިން ކުރަންޖެހޭ ހުރިހާ ސާވޭއެއް މިހާރު ވަނީ ނިމިފައެވެ.
މިހާރު ކުރިއަށްދާ މަސައްކަތްތަކާ ގުޅޭގޮތުން އެ ކުންފުނިން ވިދާޅުވީ، މަގު ފުޅާކޮށް އިތުރު ލޭންތައް ހެދުމަށްޓަކައި މަގުގައި ހުރި ގަސްތައް އެހެން ސަރަހައްދުތަކަށް ބަދަލުކުރުމާއި، މަގު ކޮށައި އަލިކުރުމުގެ މަސައްކަތްތައް ބާރުސްޕީޑުގައި ކުރިއަށްދާ ކަމަށެވެ. މި މަޝްރޫޢުގެ ދަށުން ޖުމްލަ 3 މަގެއްގެ މަސައްކަތް ކުރިއަށްދާނެއެވެ.
އާރްޑީސީގެ އަމާޒަކީ މި މަޝްރޫޢުގެ އަމަލީ މަސައްކަތްތައް އެއްބަސްވުމުގައި ދީފައިވާ މުއްދަތަށްވުރެ ކުރިން ނިންމާލުމެވެ. މި މަޝްރޫޢަކީ އައްޑޫ ސިޓީގެ ދަތުރުފަތުރުގެ ނިޒާމު ހަރުދަނާކޮށް، މަގުތަކުގެ ފެންވަރު ރަނގަޅު ކުރުމަށް ސަރުކާރުން ކުރިއަށްގެންދާ މުހިންމު މަޝްރޫޢެކެވެ.