ނުލިބިހުރި ފައިސާ ހޯދުމަށް ކުރެވުނު މަސައްކަތުގެ ތެރެއިން މިދިޔަމަހު 543 މިލިޔަން ރުފިޔާ މީރާއިން ހޯދައިފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 31ސ
ނުލިބިހުރި ފައިސާ ހޯދުމަށް ކުރެވުނު މަސައްކަތުގެ ތެރެއިން މިދިޔަމަހު 543 މިލިޔަން ރުފިޔާ މީރާއިން ހޯދައިފި

ދައުލަތަށް ނުލިބިހުރި ފައިސާ ހޯދުމަށް މޯލްޑިވްސް އިންލޭންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން ކުރަމުންދާ މަސައްކަތުގެ ތެރެއިން، ނިމިދިޔަ އެޕްރީލް މަހުގެ ތެރޭގައި 543 މިލިޔަން ރުފިޔާ ހޯދާފައިވާކަމަށް އެ އޮތޯރިޓީން ހާމަކޮށްފިއެވެ. ދައުލަތަށް ޓެކްސް އަދި އެނޫން ގޮތްގޮތުން ލިބެންޖެހޭ ގިނަ އަދަދެއްގެ ފައިސާ ނުލިބިހުރިއިރު، މި ފައިސާ ހޯދުމަށް މީރާއިން ދަނީ ހާއްސަ މަސައްކަތްތަކެއް ކުރަމުންނެވެ.

މީރާގެ އެޕްރީލް މަހުގެ މާލީ ރިޕޯޓުގައިވާގޮތުން، މި ފައިސާ ހޯދާފައިވަނީ ނޯޓިސް ފޮނުވައިގެންނާއި، ޑިއުސް ކްލިއަރެންސް، އިންސްޓޯލްމަންޓް އެއްބަސްވުންތަކުގެ އިތުރުން އެކްޝަން ޕޮލިސީގެ ދަށުން އެޅި ފިޔަވަޅުތަކުންނެވެ. މީގެ ތެރެއިން އެންމެ ބޮޑު އަދަދެއް ހޯދާފައިވަނީ ނޯޓިސް ފޮނުވައިގެންނެވެ.

މިދިޔަ މަހު ފައިސާ ހޯދުމަށް އެޅި ފިޔަވަޅުތަކަށް ބަލާއިރު، ނޯޓިސް ފޮނުވައިގެން 372 މިލިޔަން ރުފިޔާ ވަނީ ހޯދާފައެވެ. އަދި ޑިއުސް ކްލިއަރެންސްގެ ގޮތުގައި 96 މިލިޔަން ރުފިޔާ ހޯދާފައިވާއިރު، އިންސްޓޯލްމަންޓް އެއްބަސްވުންތަކުގެ ދަށުން 64 މިލިޔަން ރުފިޔާ ވަނީ ދައުލަތަށް ލިބިފައެވެ.

މީގެ އިތުރުން، ފައިސާ ދެއްކުމަށް ހަނދާންކޮށްދިނުމުގެ ގޮތުން ކުރި ފޯނު ކޯލުތަކުން 5 މިލިޔަން ރުފިޔާ ލިބިފައިވާއިރު، މީރާގެ އެކްޝަން ޕޮލިސީގެ ދަށުން 4 މިލިޔަން ރުފިޔާ ވަނީ ހޯދާފައެވެ. މިއީ ދައުލަތަށް ލިބެންޖެހޭ އާމްދަނީ ކަށަވަރުކުރުމަށް އެ އޮތޯރިޓީން އަޅަމުންދާ ހަރުދަނާ ފިޔަވަޅުތަކުގެ ނަތީޖާކަމަށް މީރާއިން ފާހަގަކުރެއެވެ.

މީރާއިން އިތުރަށް ބުނެފައިވަނީ، ތަންފީޒީ ފިޔަވަޅުތައް ހަރުދަނާ ކުރުމާއެކު، ދައުލަތަށް ދައްކަންޖެހޭ ޓެކްސް އަދި ޓެކްސް ނޫން ފައިސާ ހޯދުމަށް ކުރާ މަސައްކަތްތަކަށް ބޮޑެތި ކުރިއެރުންތަކެއް ލިބެމުންދާ ކަމަށެވެ. މި މަސައްކަތުގެ މައިގަނޑު މަގްސަދަކީ ދައުލަތަށް ލިބެންޖެހޭ ފައިސާ ގަވާއިދުން ހޯދައި، މާލީ ނިޒާމު ހަރުދަނާކުރުމެވެ.

މިއަދު އޮންލައިން