އައްޑޫ ސިޓީގެ ގުޅިފައިވާ ރަށްތަކުގައި މޯލްޑިވްސް ފިޝަރީޒް އެންޑް އެގްރިކަލްޗަރަލް މާކެޓިންގ ކޯޕަރޭޝަން (މިފްކޯ) ގެ ފިހާރައެއް ހުޅުވުމަށް ނިންމާފައިވާކަން، މަސްވެރިކަމާއި ދަނޑުވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު އަޙްމަދު ޝިޔާމް އިޢުލާން ކުރައްވައިފިއެވެ.
ވަޒީރު މިކަން ހާމަކުރެއްވީ އައްޑޫ ސިޓީގައި ބޭއްވި ޚާއްޞަ ޖަލްސާއެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ. ވަޒީރު ވިދާޅުވީ، މިހާރުވެސް ހުޅުމީދޫގައި ހުންނަ އައިސްޕްލާންޓް މެދުވެރިކޮށް މިފްކޯގެ ބައެއް އުފެއްދުންތައް ލިބެމުންދާ ކަމަށާއި، ނަމަވެސް ކުރިއަށް އޮތް ދެތިން ދުވަހުގެ ތެރޭގައި ގުޅިފައިވާ ރަށްތަކުގައި މިފްކޯގެ ޚާއްޞަ ފިހާރައެއް ހުޅުވިގެންދާނެ ކަމަށެވެ.
މި ނިންމުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އައްޑޫ ސިޓީއަށް ކުރެއްވި ދަތުރުފުޅުގައި އެ ސިޓީގެ ރައްޔިތުން އެދިވަޑައިގެންނެވި އެދުމަކާ ގުޅިގެން ނިންމެވި ނިންމެވުމެއްކަން ވަޒީރު ފާހަގަކުރެއްވިއެވެ. މި ފިހާރަ ހުޅުވުމާއެކު މިފްކޯގެ އުފެއްދުންތައް ރައްޔިތުންނަށް މިހާރަށްވުރެ ފަސޭހަކަމާއެކު ލިބޭނެ މަގު ފަހިވެގެންދާނެއެވެ.
ވަޒީރު ޝިޔާމް ވިދާޅުވީ، "މިފްކޯގެ އުފެއްދުންތައް މި ސިޓީގެ އެއްފަސްވެފައިވާ ރަށްތަކުން ލިބޭނެ އިންތިޒާމު ހަމަޖެއްސީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މި ސިޓީއަށް ކުރެއްވި ދަތުރުފުޅުގައި ރައްޔިތުން އެދިވަޑައިގެންނެވި އެދުމަކާ ގުޅިގެން. އައިސްޕްލާންޓް މެދުވެރިކޮށް މަސްދަޅާއި، ވަޅޯމަހާއި ރިހާކުރު ފަދަ ތަކެތި މިހާރުވެސް ލިބޭނެ ގޮތް ވަނީ ހަމަޖެހިފައި. ނަމަވެސް ކުރިއަށް އޮތް ދެތިން ދުވަހުގެ ތެރޭގައި މިފްކޯގެ ހުރިހާ ބާވަތެއް ލިބޭނެ ފިހާރައެއް ހުޅުވިގެންދާނެ."
މިފްކޯގެ އައު ފިހާރަ ހުޅުވުމުން، އެ ކުންފުނިން އުފައްދާ ތަފާތު ބާވަތްތަކުގެ މަސްދަޅާއި، ވަޅޯމަހާއި، ރިހާކުރުގެ އިތުރުން މިފްކޯގެ އެހެނިހެން އުފެއްދުންތައްވެސް އެއް ތަނަކުން ލިބެން ހުންނާނެއެވެ.