ފުޓްބޯޅައިގެ ސަބަބުން މުޖުތަމަޢުގެ އެންމެން އެކަތިގަނޑަކަށް ހަދައި، ބަދަހި ގުޅުމެއް އުފެދުމުން އަންނަން އޮތް ޖީލުތަކަށް އުންމީދާއި ހިތްވަރު ލިބިގެންދާކަމީ ސަރުކާރުން ކުރަމުންދާ މަސައްކަތަށް ލިބޭ ވަރަށް ބޮޑު ހިތްހަމަޖެހުމެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ. ރައީސް މިހެން ވިދާޅުވީ ދުނިޔޭގެ ފުޓްބޯޅަ ދުވަހުގެ މުނާސަބަތުގައި ތަހުނިޔާ ވިދާޅުވެ، މީސްމީޑިއާގައި ކުރެއްވި ޕޯސްޓެއްގައެވެ.
ރައީސުލްޖުމްހޫރިއްޔާގެ ޕޯސްޓުގައި ފުޓްބޯޅަ އަކީ މުޅި ދުނިޔެ އެއްބައިވަންތަކޮށްދޭ ރީތި ކުޅިވަރެއްގެ ގޮތުގައި ސިފަކުރައްވާފައިވެއެވެ. އަދި ރާއްޖޭގައި ކުޅިވަރު ކުރިއަރުވައި، ދުޅަހެޔޮ، ހަށިހެޔޮ ދިރިއުޅުމަކަށް ރައްޔިތުންނަށް މަގުފަހިކުރުމަށް މި ސަރުކާރުން ގެންގުޅޭ ސިޔާސަތުތައް ތަންފީޒުކުރުމުގައި ދެމިއޮންނާނެ ކަމުގެ ޔަގީންކަން އެމަނިކުފާނު ވަނީ ދެއްވާފައެވެ.
ފުޓްބޯޅަ ކުރިއެރުވުމަށް ކުރަމުންދާ މަސައްކަތްތަކަށް އަލިއަޅުއްވާލައްވަމުން ރައީސް ވިދާޅުވީ، "ފުޓްބޯޅައިގެ ވަސީލަތްތައް ތަރައްޤީކޮށް، ކުރިއަރުވައި، ފީފާގެ މިންގަނޑުތަކަށް ފެތޭ ފުޓްބޯޅަ ދަނޑުތައް ތަރައްޤީކުރުމުގެ އިތުރުން، އެ ކުޅިވަރުގެ ތަރައްޤީ މުޅި ރާއްޖެއަށް ލާމަރުކަޒީ ކުރުމަށްޓަކައި ކުޅިވަރުގެ ޤާނޫނަށް އިސްލާހު ގެނައުން ފަދަ މުހިންމު ބަދަލުތައް ވާނީ ގެނެވިފައި،" ކަމަށެވެ.
މީގެ އިތުރުން، ރާއްޖޭގައި ބައިނަލްއަގުވާމީ ފުޓްބޯޅަ މުބާރާތްތައް ބޭއްވުމަށް މަގުފަހިކުރުމާއި، ކުޅިވަރުގެ ސަގާފަތް ދިރުވައި އާލާކޮށް، ދިވެހި ކުޅުންތެރިންނަށް ބައިނަލްއަގުވާމީ މައިދާނުގައި ފުރުޞަތުތައް ތަނަވަސްކޮށްދިނުމަކީ އަދުގެ ސަރުކާރުން ވަރަށް ބޮޑު އިސްކަމެއްދޭ ކަންކަން ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.