ރާއްޖެއިން ޖަޕާނަށް ކަނޑައަޅާފައިވާ ސަފީރު ފަތްކޮޅު ޖަޕާނު ރަސްގެފާނަށް އަރުވައިފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ
ރާއްޖެއިން ޖަޕާނަށް ކަނޑައަޅާފައިވާ ސަފީރު ފަތްކޮޅު ޖަޕާނު ރަސްގެފާނަށް އަރުވައިފި

ދިވެހިރާއްޖެއިން ޖަޕާނަށް ކަނޑައަޅާފައިވާ އާ ސަފީރު އަހުމަދު މަހުލޫފް، އެމަނިކުފާނުގެ ސަފީރުކަމުގެ ފަތްކޮޅު ޖަޕާނުގެ ރަސްގެފާނަށް މިއަދު އަރުވައިފިއެވެ. މި ރަސްމިއްޔާތު ބާއްވާފައިވަނީ ޖަޕާނުގެ ވެރިރަށް ޓޯކިޔޯގައެވެ.

މިކަން ހާމަކުރައްވައި ހާރިޖީ ވަޒީރު އިރުތިޝާމް އާދަމް ކުރެއްވި ސޯޝަލް މީޑިއާ ޕޯސްޓެއްގައި މަހުލޫފަށް މަރުހަބާ ވިދާޅުވެފައިވެއެވެ. ވަޒީރު ވިދާޅުވީ މަހުލޫފްގެ ސަފީރުކަމުގެ ދައުރުގައި ރާއްޖެއާއި ޖަޕާނުގެ ގުޅުން އިތުރަށް ބަދަހިވެ، އާ އުސްމިންތަކަކަށް ދާނެކަމަށް އުއްމީދުކުރައްވާ ކަމަށެވެ.

ދިވެހިރާއްޖެއިން ޖަޕާނަށް ކަނޑައަޅާ ސަފީރުކަމުގެ މަގާމަށް ކުރީގެ ޔޫތް މިނިސްޓަރު އަހުމަދު މަހުލޫފް އައްޔަނުކުރެއްވީ މިދިޔަ ޑިސެމްބަރު މަހުގެ ތެރޭގައެވެ. މަހުލޫފަކީ ރާއްޖޭގެ ސިޔާސީ ދާއިރާގައި ގިނަ ދުވަސްތަކެއް ވަންދެން މަސައްކަތް ކުރައްވާފައިވާ ބޭފުޅެކެވެ.

މަހްލޫފް ޖަޕާނަށް ކަނޑައަޅާ ސަފީރުކަމަށް އައްޔަންކުރުމަށް ރައްޔިތުންގެ މަޖިލީހުން ރުހުން ދީފައިވަނީ އެކަމަށްޓަކައި ބޭއްވި ޖަލްސާގައި ވޯޓުގައި ބައިވެރިވި 60 މެންބަރުންގެ އިއްތިފާގުންނެވެ.

ޖަޕާނަކީ ރާއްޖޭގެ ތަރައްގީގެ މުހިންމު ބައިވެރިއަކަށްވާއިރު، އާ ސަފީރުގެ ދައުރުގައި ދެ ގައުމުގެ ދެމެދުގައި އޮތް ޒަމާންވީ ގުޅުން އިތުރަށް ވަރުގަދަވެގެންދާނެ ކަމަށް ބެލެވެއެވެ.

މިއަދު އޮންލައިން