ޢީދު ދުވަހު އެމްޓީސީސީގެ ބަސް ދަތުރުތަކަށް ކުރާ ގަޑިތަށް ހާމަކޮށްފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 12ސ
ޢީދު ދުވަހު އެމްޓީސީސީގެ ބަސް ދަތުރުތަކަށް ކުރާ ގަޑިތަށް ހާމަކޮށްފި

ކުރިއަށް އޮތް އަޟްހާ ޢީދު ނަމާދާ ގުޅިގެން، މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން ދެމުންގެންދާ ބަހާއި ފެރީގެ ޚިދުމަތްތަކަށް ގެނެސްފައިވާ ބަދަލުތައް އެ ކުންފުނިން މިއަދު ހާމަކޮށްފިއެވެ.

އެމްޓީސީސީން ވިދާޅުވި ގޮތުގައި، އަޟްހާ ޢީދު ދުވަހު ގްރޭޓަރ މާލެ ސަރަހައްދުގައި އާރްޓީއެލް ބަހުގެ ޚިދުމަތް އާންމުކޮށް ފަށާނީ ހެނދުނު 8:00 ގައެވެ. ނަމަވެސް، އެއަރޕޯޓަށް ދަތުރުކުރާ ފަރާތްތަކަށް ފަސޭހަކޮށްދިނުމުގެ ގޮތުން މާލެއާއި ހުޅުމާލެ ފޭސް 1 އަދި ފޭސް 2 އިން އެއަރޕޯޓަށް ޚާއްޞަ ދަތުރުތަކެއް ކުރުމަށް ވަނީ ނިންމާފައެވެ.

އެގޮތުން ޢީދު ނަމާދުގެ ކުރިން ކުރާ ފުރަތަމަ ދަތުރު ހެނދުނު 5:30 އިން 6:05 އަށް ކުރިއަށްދާނެއެވެ. އަދި ދެވަނަ ދަތުރު 6:00 އިން 6:35 އަށް އޮންނާނެ ކަމަށް އެ ކުންފުނިން މަޢުލޫމާތު ދެއްވައެވެ. މި ދަތުރުތަކަށްފަހު، އެއަރޕޯޓް ރޫޓުތަކުގެ ޚިދުމަތް ޢީދު ނަމާދަށް މެދުކަނޑާލުމަށްފަހު އަލުން ފަށާނީ ހެނދުނު 8:00 ގައެވެ.

މީގެ އިތުރުން މާލެއާއި ވިލިމާލެއާ ދެމެދު ކުރާ ފެރީގެ ޚިދުމަތަށްވެސް ވަނީ ބަދަލުތަކެއް ގެނެސްފައެވެ. އެމްޓީސީސީން ވިދާޅުވީ ޢީދު ނަމާދަށްޓަކައި ހެނދުނު 6:30 އިން 8:15 އާ ހަމައަށް ފެރީގެ ޚިދުމަތް މެދުކަނޑާލެވޭނެ ކަމަށެވެ.

މި ބަދަލާއެކު، ޢީދު ނަމާދުގެ ކުރިން މާލެއާއި ވިލިމާލެއާ ދެމެދު ދަތުރުކުރާ އެންމެ ފަހު ފެރީ އޮންނާނީ ހެނދުނު 6:30 ގައެވެ. އަދި ނަމާދަށްފަހު ފެރީގެ ޚިދުމަތް އަލުން ފެށުމަށް ހަމަޖެހިފައިވަނީ ހެނދުނު 8:15 ގައެވެ.

މިއަދު އޮންލައިން