ބ. ދަރަވަންދޫ އެއާޕޯޓުގެ ޓާމިނަލް ތަރައްޤީކުރުމުގެ އަމަލީ މަސައްކަތް މިއަހަރުގެ ފަހުކޮޅު ފެށުމަށް މަސައްކަތް ކުރަމުންދާ ކަމަށް އައިލެންޑް އޭވިއޭޝަން ސާވިސަސްގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހިމް އިޔާސް ވިދާޅުވެއްޖެއެވެ. މި މަޝްރޫޢަކީ އެ ރަށުގެ ފަތުރުވެރިކަމާއި ދަތުރުފަތުރުގެ ނިޒާމަށް ބޮޑު ކުރިއެރުމެއް ލިބިގެންދާނެ މަސައްކަތެކެވެ.
ޕީއެސްއެމް ނިއުސްއަށް ދެއްވި ޚާއްސަ އިންޓަވިއުއެއްގައި އިޔާސް ވިދާޅުވީ، އައު ޓާމިނަލްގެ އަމަލީ މަސައްކަތް ކޮށްދޭނެ ކޮންޓްރެކްޓަރަކު ހޯދުމުގެ މަސައްކަތް މިހާރު އެކުންފުނިން ކުރަމުންދާ ކަމަށެވެ. އަދި ކުރިއަށް އޮތް ދެތިން މަސްދުވަހުގެ ތެރޭގައި ކޮންޓްރެކްޓަރެއް ކަނޑައަޅައި، މަސައްކަތް ހަވާލުކުރެވޭނެ ކަމަށް އޭނާ ލަފާކުރެއްވިއެވެ.
ދަރަވަންދޫ އެއާޕޯޓަކީ އެއާޕޯޓު ހުޅުވީއްސުރެ އައިލެންޑް އޭވިއޭޝަނުން މެނޭޖު ކުރަމުންދާ ތަނެކެވެ. ނަމަވެސް މީގެކުރިން އެ އެއާޕޯޓުގެ މިލްކުވެރި ފަރާތަކީ ކޯސްޓްލައިން ކިޔާ އަމިއްލަ ކުންފުންޏެކެވެ. އެއާޕޯޓުގެ ހިންގުން އިތުރަށް ހަރުދަނާކުރުމަށްޓަކައި ސަރުކާރުން ވަނީ މިހާރު އެއާޕޯޓު އެއްކޮށް އައިލެންޑް އޭވިއޭޝަނާ ހަވާލުކޮށްފައެވެ.
މި ބަދަލަކީ ރައީސުލްޖުމްހޫރިއްޔާ ދާދިފަހުން ދަރަވަންދޫއަށް ކުރެއްވި ޒިޔާރަތުގައި އިއުލާން ކުރެއްވި ނިންމެވުމެކެވެ. ރައީސްގެ އެ ނިންމެވުމާ އެއްގޮތަށް މިދިޔަ އެޕްރީލް މަހު އެއާޕޯޓު ރަސްމީކޮށް އައިލެންޑް އޭވިއޭޝަނާ ހަވާލުކޮށް، އައު ޓާމިނަލުގެ ޑިޒައިންވެސް ވަނީ އާންމުކޮށްފައެވެ.
މަޝްރޫޢުގެ ތާވަލާ ގުޅޭގޮތުން ވާހަކަދައްކަވަމުން އިޔާސް ވިދާޅުވީ، "މިހާރު މިދަނީ ކޮންޓްރެކްޓަރ އެޕޮއިންޓު ކުރުމުގެ މަސައްކަތް. އެހެންވީމާ އެ މަސައްކަތް އަޅުގަނޑުމެން ކުރިއަށް އޮތް ދެތިން މަސް ތެރޭގައި ނިންމާފަ މަސައްކަތް ކުރަނީ މިއަހަރު ފަހުކޮޅު މިތަނުގެ އަމަލީ މަސައްކަތް ފެށުމަށް."
ދަރަވަންދޫ އެއާޕޯޓުގެ ޓާމިނަލް ބޮޑުކޮށް ތަރައްޤީކުރުމުން، އެ ސަރަހައްދަށް ޒިޔާރަތްކުރާ ފަތުރުވެރިންނަށާއި އާންމު ރައްޔިތުންނަށް ދޭ ޚިދުމަތްތަކުގެ ފެންވަރު ރަނގަޅުވެ، އެއާޕޯޓުގެ ކެޕޭސިޓީ އިތުރުވެގެންދާނެ ކަމަށް ބެލެވެއެވެ.