އެމްޑީޕީގައި ވެސް ނެތް ފަދަ ހަރުދަނާ އުސޫލުތަކާއި ރިވެތި އަސާސްތައް ޕީއެންސީގައި އެބައޮތް: ޝަރީފް

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 19ސ
އެމްޑީޕީގައި ވެސް ނެތް ފަދަ ހަރުދަނާ އުސޫލުތަކާއި ރިވެތި އަސާސްތައް ޕީއެންސީގައި އެބައޮތް: ޝަރީފް

އިދިކޮޅު އެމްޑީޕީގައި ވެސް ނެތް ފަދަ ހަރުދަނާ އުސޫލުތަކާއި ރިވެތި އަސާސްތައް މިއަދު ޕީއެންސީގައި އެބައޮތް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކެލާ ދާއިރާގެ މެންބަރު އަބްދުﷲ ޝަރީފް ވިދާޅުވެއްޖެއެވެ. ޝަރީފް މިހެން ވިދާޅުވީ ޕީއެންސީގެ އެތެރޭގެ ނިންމުންތަކާ ގުޅޭގޮތުން ފެތުރެމުންދާ ޚަބަރުތަކަކާ ގުޅިގެން އެކަންކަން ދޮގުކުރައްވަމުންނެވެ.

މެންބަރު ޝަރީފް މިފަދައިން ވިދާޅުވީ، ކުރިއަށް އޮތް ޕީއެންސީގެ ކޮންގްރެސްގެ ހުރިހާ އިންތިޒާމުތަކެއް ކުރިއަށް ގެންދިއުމުގެ ފުރިހަމަ ބާރު ލީޑަޝިޕަށް ދިނުމަށާއި، ލީޑަޝިޕުން ބޭނުންވާ ގޮތަކަށް ކަންކަން ނިންމުމަށް ދާދިފަހުން ބޭއްވި ޕީއެންސީގެ ސެނެޓް ބައްދަލުވުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ހުށަހެޅުއްވި ހުށަހެޅުއްވުމަކަށް ސެނެޓުގެ ތާއީދު ނުލިބި ބޭރުކޮށްލާފައިވާ ކަމަށް ބުނެ ފެތުރިފައިވާ ޚަބަރުތަކާ ގުޅިގެންނެވެ.

އެ ޚަބަރުތައް ދޮގުކުރައްވައި އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ޝަރީފް ވިދާޅުވީ، ޕީއެންސީގެ ކޮންމެ ނިންމުމެއްވެސް ނިންމަނީ ސެނެޓަރުންގެ ފުރިހަމަ ބައިވެރިވުމާއެކު ކަމަށެވެ. އަދި ޕާޓީގެ އެތެރޭގެ ކަންކަން ހިނގަނީ ވަރަށް ބޮޑަށް މަޝްވަރާ ކުރެވިގެން ޑިމޮކްރެޓިކް އުސޫލުތަކުގެ ތެރެއިންކަން އޭނާ ފާހަގަކުރެއްވިއެވެ.

ޝަރީފް އިތުރަށް ވިދާޅުވީ ޕީއެންސީއަކީ ހަރުދަނާ އަސާސްތަކެއްގެ މަތީގައި ބިނާވެފައިވާ ޕާޓީއެއް ކަމަށާއި، އެމްޑީޕީ ފަދަ ޕާޓީތަކަށްވުރެ ވެސް ޕީއެންސީގެ އުސޫލުތައް މާ ހަރުދަނާ ކަމަށެވެ. މީގެ އިތުރުން، އިދިކޮޅު ފަރާތްތަކުން ޕާޓީގެ އަގުވައްޓާލުމަށްޓަކައި ދޮގު މައުލޫމާތު ފެތުރުން ހުއްޓާލުމަށް ވެސް އޭނާ ވަނީ ގޮވާލައްވާފައެވެ.

މިއަދު އޮންލައިން