"މާލެ ޓެކްސީ" ޚިދުމަތުގެ ފެންވަރާއި ޓައިމިންގް ރަނގަޅުކަން އާންމުން ފާހަގަކުރޭ: މުންދު

މިއަދު
ކިޔުމަށް ހޭދަވާނީ 2މ 41ސ
"މާލެ ޓެކްސީ" ޚިދުމަތުގެ ފެންވަރާއި ޓައިމިންގް ރަނގަޅުކަން އާންމުން ފާހަގަކުރޭ: މުންދު

ސަރުކާރުން އަލަށް ތައާރަފްކުރި "މާލެ ޓެކްސީ" ޚިދުމަތަކީ އާންމުންގެ ބޮޑު ތަރުހީބެއް ލިބެމުންދާ ކާމިޔާބު ޚިދުމަތެއް ކަމަށާއި، ޚާއްސަކޮށް ޚިދުމަތުގެ ގަޑިތަކަށް އާންމުންގެ ފަރާތުން ރަނގަޅު ފީޑްބެކެއް ލިބެމުންދާ ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ އިސް ތަރުޖަމާނު މުހައްމަދު ހުސައިން ޝަރީފް (މުންދު) ވިދާޅުވެއްޖެއެވެ.

ކޮންމެ ހަފުތާއަކު ބާއްވާ "ޕްރެސް ވިތް ސްޕޮކްސް" ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ތަރުޖަމާނު ވިދާޅުވީ، މި ޚިދުމަތް ފެށުނުތާ އަދި މާގިނަ ދުވަސްތަކެއް ނުވި ނަމަވެސް، ފެށުމަކާ އަޅާބަލާއިރު ލިބޭ ފީޑްބެކް ވަރަށް އުންމީދީ ކަމަށެވެ.

"ޑްރައިވަރުންގެ ޕްރޮފެޝަނަލިޒަމްއަށްވެސް ވަރަށް ރަނގަޅު ކޮމެންޓްސް އެބަހުރި ލިބިފަ. އަޅުގަނޑު ދުށިންވެސްމެ، މީސް މީޑިއާގައިވެސް ވަރަށް ބައިވަރު އެބައުޅޭ، ވަރަށް ގިނަ ބޭފުޅުން ޓެކްސީ ހިދުމަތަށް ތައުރީފްކުރައްވާފައި. އެހެންނަމަވެސް ރަނގަޅުކުރަންޖެހޭ ކަންތައްތައް ހުންނާނެ." އޭނާ ވިދާޅުވިއެވެ.މުންދު ވިދާޅުވިއެވެ.

މުންދު އިތުރަށް ވިދާޅުވީ، ޓެކްސީ ލައިންތަކާ ގުޅޭގޮތުން ދުވަސްކޮޅެއް ކުރިން ޓްރާންސްޕޯޓު މިނިސްޓަރާ މަޝްވަރާ ކުރައްވާފައިވާ ކަމަށެވެ. އެގޮތުން އެ ވުޒާރާއިން އެންމެ އިސްކަމެއް ދީގެން ބަލާފައިވަނީ މާލޭގެ ދަތުރުފަތުރު ކުރުމުގެ ކެޕޭސިޓީ އަކީ ކޮބައިތޯއެވެ. މިއީ ދުނިޔޭގެ ކުރިއަރާފައިވާ ގައުމުތަކުގައި ވެސް މިފަދަ ޚިދުމަތްތައް ރޭވުމުގައި ގެންގުޅޭ އަސާސީ އުސޫލެއްކަން އޭނާ ފާހަގަކުރެއްވިއެވެ.

ރާއްޖޭގެ ހާލަތަށް އަލިއަޅުވާލައްވަމުން ތަރުޖަމާނު ވިދާޅުވީ، ރާއްޖޭގެ ސައިޒާ އަޅާބަލާއިރު އުޅަނދުތައް ހުރީ އެތައް ގުނައެއް އިތުރަށް ކަމަށެވެ. އެހެންކަމުން، މަގުމަތީގެ ތޮއްޖެހުން ކުޑަކުރުމަށްޓަކައި އެކި ސަރަހައްދުތަކުގައި ބޭނުންނުކޮށް ގިނަދުވަސްވަންދެން ބަހައްޓާފައި ހުރި އުޅަނދުތައް ނައްތާލުމުގެ މަސައްކަތް ޓްރާންސްޕޯޓް މިނިސްޓްރީން ކުރަމުންދާ ކަމަށް އޭނާ ވިދާޅުވިއެވެ.

މީގެ އިތުރުން، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ އިރުޝާދުގެ ދަށުން ރާއްޖޭގެ ޕަބްލިކް ޓްރާންސްޕޯޓް ސިސްޓަމް އިތުރަށް ފުޅާކޮށް، ވަރުގަދަ ކުރުމުގެ މަސައްކަތް ވެސް ބާރުމިނުގައި ކުރިއަށްދާ ކަމަށް މުންދު ވިދާޅުވިއެވެ.

"ޕަބްލިކް ޓްރާންސްޕޯޓް ސިސްޓަމެއް އެބަ އޮވޭ ރާއްޖޭގައި، އެވެސް އިރާދަކުރެއްވިއްޔާ ފުޅާކުރެވޭތޯ ބަލާނަން. އެހެންނަމަވެސް މި ޓެކްސީ ހިދުމަތުގެ ތެރެއިން ހާއްސަކޮށް ފަހުން މިއައި މާލެ ޓެކްސީގެ ހިދުމަތުގެ ފީޑްބެކް ބައްލަވާ އެބަ. ފީޑްބެކް ދަނީ ފުރަތަމަ ފެށުނުއިރު ރަނގަޅުކުރަން ޖެހޭ ވަރަށް ގިނަ ކަންތައްތައް ހުރި. މިއީ ފެށިގެން އަދި މާގިނަ ދުވަސްތަކެއް ނުވާ ހިދުމަތެއް. އެކަމަކު ފެށުމަކާ ބަލާފަ މި ހިދުމަތަށް ލިބޭ ފީޑްބެކް ވަރަށް ރަނގަޅު." މުންދު ވިދާޅުވިއެވެ.

ޚިދުމަތުގައި އަދިވެސް ރަނގަޅު ކުރަންޖެހޭ ކަންކަން ހުރިކަން ފާހަގަކުރައްވަމުން މުންދު ވިދާޅުވީ، އާންމުންގެ ފަރާތުން ލިބޭ ޝަކުވާތަކާއި ހިޔާލުތައް ދިރާސާކޮށް، ޚިދުމަތުގެ ފެންވަރު އިތުރަށް ރަނގަޅު ކުރަމުންދާނެ ކަމުގެ ޔަގީންކަން ކަމާގުޅޭ ވުޒާރާއިން ދީފައިވާ ކަމަށެވެ. ސަރުކާރުގެ އަމާޒަކީ ރައްޔިތުންނަށް އިތުބާރު ހުރި، އަވަސް އަދި ފަސޭހަ ދަތުރުފަތުރުގެ ނިޒާމެއް ގާއިމްކޮށްދިނުން ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

މިއަދު އޮންލައިން