މިއަހަރުގެ އަޟްހާ ޢީދު ނަމާދު މާލެ ސަރަހައްދުގެ 25 މިސްކިތެއްގައި ކުރުމަށް ހަމަޖެހިފައިވާކަމަށް އިސްލާމީ ކަންތައްތަކާއި އައުޤާފާ ބެހޭ ވުޒާރާއިން ހާމަކުރައްވައިފިއެވެ. މާދަމާ ފާހަގަކުރާ އަޟްހާ ޢީދާ ގުޅިގެން މާލެ، ހުޅުމާލެ އަދި ވިލިމާލޭގެ ގިނަ މިސްކިތްތަކެއްގައި ނަމާދު ކުރުމުގެ އިންތިޒާމު މިހާރު ވަނީ ފުރިހަމަކޮށްފައެވެ.
އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ހާމަކުރި ގޮތުގައި، މާލޭގެ މަސްޖިދުއް ސުލްޠާން މުޙައްމަދު ތަކުރުފާނުލް އަޢުޡަމާއި މަސްޖިދު މަލިކި ސަލްމާންގެ އިތުރުން މާލެ ސަރަހައްދުގެ 4 ސަރަހައްދެއްގައި ބޮޑު ޖަމާޢަތުގައި ޢީދު ނަމާދުކުރުން އޮންނާނެއެވެ. މީގެ ތެރޭގައި މާލޭގެ މާފަންނު ސްޓޭޑިއަމް ސަރަޙައްދާއި، ވިލިމާލެ ފުޓުބޯޅަ ދަނޑާއި، ހުޅުމާލޭގެ ފުރަތަމަ ފިޔަވަހީގެ ސިންތެޓިކް ޓްރެކް އަދި ހުޅުމާލެ ދެވަނަ ފިޔަވަހީގެ ކުޅިވަރު އެކުވެނި ހިމެނެއެވެ.
މާލޭގައި ޢީދު ނަމާދުކުރާ މިސްކިތްތަކުގެ ތެރޭގައި މަސްޖިދުލް ފުރްޤާން، މަސްޖިދުއް ނޫރު، މަސްޖިދުއް ޝަހީދު ޢަލީ، ޠައިބާ މިސްކިތް، ދުބުރި މިސްކިތް، ފަނޑިޔާރު މިސްކިތް، ބަންޑާރަ މިސްކިތް، މަސްޖިދު ޞަލާޙުއްދީން، މަސްޖިދު ޖަލާލުއްދީން، މަސްޖިދު އިބްރާހީމް، މަސްޖިދު އިސްކަންދަރު، މަސްޖިދު ޔޫސުފުލް ބަރުބަރީ، ރަން މިސްކިތް، ފައިފުހޭ މިސްކިތް އަދި މާފަންނު އާ މިސްކިތް ހިމެނެއެވެ.
ހުޅުމާލޭގައި ޢީދު ނަމާދު ކުރުމަށް ހަމަޖެހިފައިވަނީ މަސްޖިދުއް ޝައިޚް ޤާސިމް ބިން މުޙައްމަދު އާލް ޘާނީ، މަސްޖިދު ރަޝީދު، މަސްޖިދު ޢަޒީޒާ މޫސާ، މަސްޖިދު އަޞްދީޤާ، މަސްޖިދުލްވާލިދައިނި، މަސްޖިދުލް ޙަސަން އާދަމް އަދި މަސްޖިދު އުޘްމާން ބިން ޢައްފާންގައެވެ. ވިލިމާލޭގައި ޢީދު ނަމާދު ކުރުމަށް ހަމަޖެހިފައިވަނީ މަސްޖިދުއް ސަލާމުގައެވެ.
ޚާއްޞަ ގޮތެއްގައި ފާހަގަކޮށްލެވޭ ކަމަކީ، ހުޅުމާލެ ދެވަނަ ފިޔަވަހީގައި ބޮޑު ޖަމާޢަތުގައި ޢީދު ނަމާދު އިމާމުވެ ކުރާނީ ޒުވާން ޚަޠީބު އަލްހާފިޒް މުހައްމަދު ހަނޫން ހުސެއިން ކަމެވެ. މިއީ ޒުވާން ޚަޠީބުންނަށް ފުރުޞަތު ދިނުމަށް ސަރުކާރުން ގެންގުޅުއްވާ ސިޔާސަތުގެ ދަށުން ނިންމާފައިވާ ނިންމުމެކެވެ.