މި ހިނގާ މަހުގެ ތެރޭގައި މާލެ ސަރަހައްދުން ހަ މީހަކު ހިމަބިއްސަށް (މީސަލްސް) ޕޮޒިޓިވްވެފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ހާމަކޮށްފިއެވެ. މިއާއެކު މިއަހަރުގެ މިހާތަނަށް ރާއްޖެއިން މި ބަލި ޖެހުނު މީހުންގެ ޖުމްލަ އަދަދު ވަނީ ނުވަޔަކަށް އަރާފައެވެ.
އެޗްޕީއޭއިން ހާމަކުރި ތަފާސްހިސާބުތަކަށް ބަލާއިރު، މިމަހު ފެނުނު ކޭސްތަކުގެ ތެރެއިން ފަސް ކޭހެއްގެ އިންވެސްޓިގޭޝަންގެ މަސައްކަތް މިހާރު ދަނީ ކުރަމުންނެވެ. އަދި މި ކޭސްތަކާ ގުޅުންހުރި 128 ކޮންޓެކްޓުން މިހާތަނަށް ދެނެގަނެވިފައިވާ ކަމަށްވެސް އެ އެޖެންސީން މަޢުލޫމާތު ދެއެވެ.
ހިމަބިއްސަކީ ވަރަށް ފަސޭހައިން ގައިންގަޔަށް އަރާ ބައްޔެކެވެ. އެޗްޕީއޭއިން ފާހަގަކުރާ ގޮތުގައި، މިއީ ކޮވިޑް-19، އެބޯލާ، ޓީބީ އަދި ފުލޫ ފަދަ ބަލިތަކަށްވުރެވެސް މާ ހަލުވިކޮށް ފެތުރުމުގެ ބާރު ހުރި ބައްޔެކެވެ. މިދުވަސްވަރަކީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައިވެސް މި ބަލި ފެތުރުން އިތުރުވަމުންދާ ދުވަސްވަރެއްކަން އެ އިދާރާއިން ފާހަގަކުރެއެވެ.
ބަލި ފެތުރުން ކޮންޓްރޯލް ކުރުމުގެ ގޮތުން އެޗްޕީއޭއިން ވަނީ ރައްކާތެރިކަމުގެ ފިޔަވަޅުތަކަށް ސަމާލުވުމަށް އިލްތިމާސްކޮށްފައެވެ. އެގޮތުން "ހިމަބިއްސަށް ޝައްކުވެގެން ޓެސްޓް ހަދައިފިނަމަ، ޓެސްޓުގެ ނަތީޖާ ލިބެންދެން އެކަހެރިވެގެން ހުރުމަށް" އެޗްޕީއޭއިން ވަނީ އާންމުންނަށް އިރުޝާދު ދީފައެވެ.