މިމަހުގެ މުސާރަ އާއި އިނާޔަތްތައް 28 އަދި 31 ވަނަ ދުވަހު ދޭން ހަމަޖެހިފައިވާ ކަމަށް މިނިސްޓްރީ އޮފް ފައިނޭންސް އިން ވިދާޅުވެއްޖެއެވެ. މާލީ ކަންކަމާއި ސަރުކާރުގެ ކުންފުނިތަކާ ބެހޭ ވުޒާރާއިން މިގޮތަށް ނިންމާފައިވަނީ ކުރިއަށް އޮތް ބަންދު ދުވަސްތަކަށް ރިއާޔަތްކުރުމަށްފަހުގައެވެ.
އަޟްޙާ އީދު ބަންދާ ގުޅިގެން ސަރުކާރުގެ އޮފީސްތައް މި މަހުގެ 22 ވަނަ ދުވަހުން ފެށިގެން ބަންދުކޮށްފައިވާއިރު، އޮފީސްތައް އަލުން ހުޅުވުމަށް ހަމަޖެހިފައިވަނީ މި މަހުގެ 31 ވަނަ ދުވަހުއެވެ. މި ބަންދު ދުވަސްތަކުގެ ތެރެއިން ބޭންކުތައް ހުޅުވުމަށް ހަމަޖެހިފައިވަނީ ހަމައެކަނި 28 މެއި ވާ ބުރާސްފަތި ދުވަހު ކަމަށްވެސް އެ ވުޒާރާއިން މައުލޫމާތު ދެއްވައެވެ.
މާލީ ވުޒާރާއިން ވިދާޅުވީ، ދެ ދުވަހަކަށް ބަހާލައިގެން މުސާރަ ދޭގޮތަށް އިންތިޒާމުތައް ތަރުތީބު ކުރީ، ޢީދު ބަންދާއި އެ ދުވަސްވަރު ބޭންކުތައް ހުޅުވާފައި ހުންނާނެ ވަގުތުތަކަށް ބަލައި، މުވައްޒަފުންނަށް ލުއިފަސޭހަ ގޮތްތަކެއް ހަމަޖައްސައިދިނުމުގެ މަގުސަދުގައެވެ. މީގެ ސަބަބުން ބަންދު ދުވަސްތަކުގެ ތެރޭގައި މުވައްޒަފުންނަށް މާލީ ގޮތުން ދިމާވެދާނެ ދަތިތަކަށް ހައްލެއް ލިބިގެންދާނެއެވެ.