އިނގިރޭސިވިލާތުން ދިވެހި މަހަށް ނަގާ ޓެރިފް ދެ އަހަރަށް މެދުކަނޑާލުމަށް ނިންމި ނިންމުމާއެކު، ރާއްޖެއިން އެ ޤައުމަށް މަސް ބޭރުކުރާ މިންވަރު ދެގުނަ ކުރުމުގެ ފުރުސަތު އޮތް ކަމަށް ސަރުކާރުގެ އިސް ތަރުޖަމާނު މުޙައްމަދު ޙުސެއިން ޝަރީފް ވިދާޅުވެއްޖެއެވެ. މިކަން ހާމަކުރެއްވީ ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ތަރުޖަމާނު ވިދާޅުވި ގޮތުގައި، ރާއްޖެއިން މިހާރު އިނގިރޭސިވިލާތަށް އަހަރަކު އެވްރެޖްކޮށް ބޭރުކުރަނީ 25 މިލިޔަން ޑޮލަރުގެ މަހުގެ އުފެއްދުންތަކެވެ. ނަމަވެސް، އަލަށް ލިބުނު މި ޓެރިފް ލުޔާއެކު، ކުރިއަށް އޮތް ދެ އަހަރު ދުވަހުގެ ތެރޭގައި އެ އަދަދު 50 މިލިޔަން ޑޮލަރަށް އިތުރުކުރެވޭނެ ކަމަށް ސަރުކާރުން ލަފާކުރެއެވެ.
ދިވެހިރާއްޖެއިން އިނގިރޭސިވިލާތަށް ބޭރުކުރާ ޖުމްލަ މުދަލުގެ ތަފާސްހިސާބުތަކަށް ބަލާއިރު، އޭގެ 90 އިންސައްތައަކީ މަހުގެ އުފެއްދުންތަކެވެ. އެހެންކަމުން ޓެރިފް ކަނޑާލުމަކީ ދިވެހި އިޤްތިޞާދަށާއި މަސްވެރިކަމުގެ ސިނާޢަތަށް ލިބިގެންދާނެ ވަރަށް ބޮޑު ކުރިއެރުމެއްކަން ތަރުޖަމާނު ފާހަގަކުރެއްވިއެވެ.
މި ބަދަލުގެ ސަބަބުން މަސް އެކްސްޕޯޓް ކުރާ އަމިއްލަ ކުންފުނިތަކަށް އާ ފުރުސަތުތަކެއް ހުޅުވި، އިނގިރޭސި ބާޒާރުގައި ރާއްޖޭގެ ހިއްސާ މިހާރަށްވުރެ ބޮޑުވާނެ ކަމަށް ސަރުކާރުން ޔަޤީންކުރެއެވެ. މީގެ އިތުރުން، ދިވެހި މަސްވެރިކަމަކީ ތިމާވެއްޓާ ރައްޓެހި، ދެމެހެއްޓެނިވި ގޮތެއްގައި ކުރާ މަސްވެރިކަމަކަށް ވުމަކީ އިނގިރޭސި ބާޒާރުގައި ދިވެހި އުފެއްދުންތަކަށް އޮތް މަޤުބޫލުކަން އިތުރުވާ ސަބަބެއް ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
ސަރުކާރުގެ އަމާޒަކީ މިފަދަ ލުއިތަކުގެ ބޭނުން ހިފައި، ރާއްޖޭގެ މަސްވެރިކަމުގެ އުފެއްދުންތަކަށް ބައިނަލްއަޤުވާމީ މާކެޓުގައި އޮތް ފުރުސަތުތައް ފުޅާކޮށް، މަސްވެރިންނަށް ލިބޭ އާމްދަނީ އިތުރުކުރުމެވެ.