އަހަރުގެ މިހާތަނަށް އެސްޑީއެފްއަށް 923 މިލިޔަން ރުފިޔާ ޖަމާކޮށްފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 5ސ
އަހަރުގެ މިހާތަނަށް އެސްޑީއެފްއަށް 923 މިލިޔަން ރުފިޔާ ޖަމާކޮށްފި

މިއަހަރުގެ މިހާތަނަށް ސޮވަރިން ޑިވެލޮޕްމަންޓް ފަންޑް (އެސްޑީއެފް) އަށް 923 މިލިޔަން ރުފިޔާ ޖަމާކޮށްފައިވާ ކަމަށް މާލީ ކަންކަމާއި ސަރުކާރުގެ ކުންފުނިތަކާ ބެހޭ ވުޒާރާގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

މާލީ ވުޒާރާއިން އާންމުކޮށްފައިވާ 'ވީކްލީ ފިސްކަލް ޑިވެލޮޕްމަންޓް' ރިޕޯޓްގައިވާ ގޮތުން، މިއަހަރުގެ ޖަނަވަރީ މަހުގެ ފުރަތަމަ ދުވަހުން ފެށިގެން މި ހިނގާ މެއި މަހުގެ 14 ވަނަ ދުވަހުގެ ނިޔަލަށް އެސްޑީއެފްއަށް މުޅި ޖުމްލަ 923 މިލިޔަން ރުފިޔާ ވަނީ ޖަމާކޮށްފައެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި ޖަމާކުރި 776 މިލިޔަން ރުފިޔާއާ އަޅާބަލާއިރު 18 އިންސައްތަ އިތުރު އަދަދެކެވެ.

ދައުލަތުގެ މާލީ ހިސާބުތައް ދައްކާގޮތުން، އަހަރުގެ މިހާތަނަށް ދައުލަތުން ނަގާފައިވާ ލޯނުތައް އަނބުރާ ދެއްކުމަށް 8.6 ބިލިޔަން ރުފިޔާ ވަނީ ޚަރަދުކޮށްފައެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި ލޯނު ދެއްކުމަށް ހޭދަކުރި 2.5 ބިލިޔަން ރުފިޔާއާ އަޅާބަލާއިރު 244 އިންސައްތަ އިތުރު އަދަދެކެވެ.

ތަފާސްހިސާބުތަކުން ދައްކާގޮތުގައި ދަރަނީގެ ގޮތުގައި މިހާރު ވަނީ ގާތްގަނޑަކަށް ބިލިޔަނެއްހާ ޑޮލަރު ދައްކާފައެވެ. މީގެ ތެރޭގައި ހިމެނެނީ 2021 ވަނަ އަހަރު ނަގާފައިވާ 500 މިލިޔަން ޑޮލަރުގެ ސުކޫކަށްވާ ފައިސާއާއި، ރައީސުލްޖުމްހޫރިއްޔާ އިންޑިއާއަށް ކުރެއްވި ފުރަމާނަ ދަތުރުފުޅުގައި ސޮއިކުރި 400 މިލިޔަން ޑޮލަރުގެ ކަރަންސީ ސްވޮޕް ފެސިލީޓީގެ ދަރަންޏެވެ.

މިއަދު އޮންލައިން