ބޮޑު އީދު ފާހަގަކުރުމަށް ދިރާގުން ކޮންމެ އަހަރަކު ވެސް ބާއްވަމުން އަންނަ "ދިރާގު އީދު ބޮނޑިބަތް" ހަރަކާތް، އާންމުންގެ ބޮޑު ތަރުހީބަކާއެކު މި އަހަރު ވެސް ކާމިޔާބުކަމާއެކު ކުރިއަށް ގެންގޮސްފިއެވެ. މި ހަރަކާތަކީ އީދު ނަމާދަށްފަހު އާންމުންނަށް ބޮނޑިބަތް ބެހުމަށް ދިރާގުން ކުރިއަށްގެންދާ ސަގާފީ ހަރަކާތެކެވެ.
މި އަހަރުގެ އީދު ބޮނޑިބަތް ހަރަކާތް ދިރާގުން ކުރިއަށް ގެންގޮސްފައިވަނީ މާލެއާއި ހުޅުމާލޭގައެވެ. އެގޮތުން ހުޅުމާލޭގައި މި ހަރަކާތް ކުރިއަށް ގެންގޮސްފައިވަނީ ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އާ ގުޅިގެންނެވެ. އަދި މާލޭގައި މި ހަރަކާތް ކުރިއަށް ގެންގޮސްފައިވަނީ މާލޭ ސިޓީ ކައުންސިލާ ގުޅިގެންނެވެ.
ދިރާގުން ހާމަކުރި ގޮތުގައި، މިއީ ދިވެހި ސަގާފަތާއި އާދަކާދަތައް ދިރުވައި އާލާކުރުމަށް އެ ކުންފުނިން ދޭ ހާއްސަ އަހައްމިއްޔަތުކަމުގެ ދަށުން ކުރިއަށް ގެންދާ ހަރަކާތެކެވެ. މި ހަރަކާތުގެ މައިގަނޑު މަގުސަދަކީ ބޮޑު އީދުގެ އުފަލުގައި ވީހާވެސް ގިނަ ބަޔަކު ބައިވެރިކޮށް، މުޖުތަމައުގެ މެދުގައި އޮތް ގުޅުން އިތުރަށް ވަރުގަދަކުރުން ކަމަށް އެ ކުންފުނިން ބުނެއެވެ.
އީދު ބޮނޑިބަތް ހަރަކާތުގެ އިތުރުން، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އީދު ފާހަގަކުރުމަށް ހިންގާ އެކި ހަރަކާތްތަކަށް ވެސް ދިރާގުން ވަނީ އެހީތެރިކަން ފޯރުކޮށްދީފައެވެ. އެގޮތުން އެކި ރަށު ކައުންސިލްތަކާއި ޒުވާނުންގެ ޖަމިއްޔާތަކާ ގުޅިގެން ރަށްރަށުގައި ބޭއްވި ކުލަގަދަ އީދު ހަރަކާތްތަކަށް ދިރާގުން އެކި ގޮތްގޮތުން އެއްބާރުލުން ދީފައިވެއެވެ.