4000 ހައުސިންގ ޔުނިޓު ހިމެނޭ ސަރަޙައްދުގެ މަގުތައް ހެދުމުގެ މަޝްރޫޢު މިއަހަރުގެ ފަހުކޮޅަށް ނިމޭނެ: އެޗްޑީސީ

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 29ސ
4000 ހައުސިންގ ޔުނިޓު ހިމެނޭ ސަރަޙައްދުގެ މަގުތައް ހެދުމުގެ މަޝްރޫޢު މިއަހަރުގެ ފަހުކޮޅަށް ނިމޭނެ: އެޗްޑީސީ

ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) އިން ހުޅުމާލެ ދެވަނަ ފިޔަވަހީގައި ތަރައްޤީ ކުރަމުންދާ 4000 ހައުސިންގ ޔުނިޓު ހިމެނޭ ސަރަޙައްދުގެ މަގުތައް ހެދުމުގެ މަޝްރޫޢު މިއަހަރުގެ ފަހުކޮޅު ނިމޭނެ ކަމަށް ހައުސިންގ ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ހާމަކޮށްފިއެވެ. މި މަޝްރޫޢަކީ އެ ސަރަޙައްދުގެ އުމްރާނީ ތަރައްޤީއަށް ކުރިއަށްގެންދާ މުހިންމު މަސައްކަތެކެވެ.

އެޗްޑީސީން މަޢުލޫމާތު ދެއްވާ ގޮތުގައި، މި މަޝްރޫޢުގެ މަސައްކަތްތައް ކުރިއަށް ގެންދަނީ ޖުމްލަ 9 ފިޔަވައްސަކަށް ބަހާލައިގެންނެވެ. މިގޮތުން މަގުތައް ހެދުމުގެ މަސައްކަތުގެ ބޮޑުބައެއް މިހާރު ވަނީ ނިމުމަކާ ގާތްވެފައެވެ.

ދައުލަތުގެމީޑިއާއަށް މައުލޫމާތުދެއްވަމުން އެޗްޑީސީން ވިދާޅުވީ، މަގުތަކުގައި ގައު އެތުރުމުގެ މަސައްކަތް ވަރަށް ހަލުވިކަމާއެކު ކުރިއަށްދާ ކަމަށެވެ. އެގޮތުން ޒޯން 1 އިން ފެށިގެން ޒޯން 6 އާ ހަމައަށް ހުރިހާ ޒޯނެއްގެ މަގުތަކުގައި ގައު އެތުރުމުގެ 95 އިންސައްތަ މަސައްކަތް މިހާރު ވަނީ ނިމިފައެވެ. އަދި ރީތިގަސް މަގު ފޭސް 2 ހިމެނޭ ޒޯން 7 ގެ މަސައްކަތުގެ 35 އިންސައްތަ މިހާރު ވަނީ ނިންމާލެވިފައެވެ.

މަގުތައް އަލިކުރުމުގެ މަސައްކަތާ ގުޅޭގޮތުން އެޗްޑީސީން ވިދާޅުވީ، މަޝްރޫޢުގެ ހުރިހާ ޒޯންތަކެއް އެއްކޮށް ބަލާއިރު މަގުބައްތި ހަރުކުރުމުގެ 85 އިންސައްތަ މަސައްކަތް މިހާރު ނިމިފައިވާ ކަމަށެވެ. ނަމަވެސް މަގުބައްތި ހަރުކުރުމުގެ ބާކީ މަސައްކަތްތައް އެއްކޮށް ނިންމާލެވޭނީ ދިގުތިޔާރަ މަގުގެ މަސައްކަތް އެއްކޮށް ނިމުމުންނެވެ.

އެޗްޑީސީން އިތުރަށް ވިދާޅުވީ، ދިގުތިޔާރަ މަގުގެ މަސައްކަތް ނިމުނުހާ އަވަހަކަށް އެ މަގުގައި ބައްތި ހަރުކުރުމުގެ މަސައްކަތް ފެށިގެންދާނެ ކަމަށެވެ. މި މަޝްރޫޢު މިއަހަރުގެ ފަހުކޮޅަށް ނިމުމުން، 4000 ހައުސިންގ ޔުނިޓު ހިމެނޭ ސަރަޙައްދުގެ ދަތުރުފަތުރަށް ބޮޑު ލުޔެއް ލިބިގެންދާނެއެވެ.

މިއަދު އޮންލައިން