މޯލްޑިވިއަންގެ ދެވަނަ ވައިޑް-ބޮޑީ ބޯޓު މިއަހަރު ފަހުކޮޅު ގެނައުމަށް މަސައްކަތް ކުރަނީ

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 25ސ
މޯލްޑިވިއަންގެ ދެވަނަ ވައިޑް-ބޮޑީ ބޯޓު މިއަހަރު ފަހުކޮޅު ގެނައުމަށް މަސައްކަތް ކުރަނީ

ޤައުމީ އެއަރލައިން، މޯލްޑިވިއަން ހިންގާ އައިލެންޑް އޭވިއޭޝަން ސަރވިސަސްގެ ދެވަނަ ވައިޑް-ބޮޑީ މަތިންދާ ބޯޓު މިއަހަރުގެ ފަހުކޮޅު ރާއްޖެ ގެނައުމަށް މަސައްކަތް ކުރަމުންދާ ކަމަށް އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހިމް އިޔާސް ވިދާޅުވެއްޖެއެވެ.

ދައުލަތުގެ މީޑިއާއަށް މަޢުލޫމާތު ދެއްވަމުން އިޔާސް ވިދާޅުވީ، މިދިޔަ އަހަރުގެ ޖަނަވަރީ މަހު ރާއްޖެއަށް ފުރަތަމަ ވައިޑް-ބޮޑީ މަތިންދާ ބޯޓު ގެނައުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ އިޢުލާންކުރެއްވި ގޮތަށް ދެވަނަ ބޯޓެއް ގެނައުމުގެ މަސައްކަތް މިހާރު ފަށާފައިވާ ކަމަށެވެ. ނަމަވެސް މި ބޯޓު ހޯދުމުގައި ބޮޑެތި ގޮންޖެހުންތަކަކާ ކުރިމަތިލާން ޖެހިފައިވާކަން އޭނާ ފާހަގަކުރެއްވިއެވެ.

މިކަމާ ގުޅޭގޮތުން އިތުރަށް ވާހަކަދައްކަވަމުން އިޔާސް ވިދާޅުވީ، "މިކަމުގައި އަޅުގަނޑުމެންނަށް ދިމާވި އެންމެ ބޮޑު އެއް ގޮންޖެހުމަކީ ދުނިޔޭގެ މާކެޓުގައި މި ބޯޓަށް ވަރަށް ބޮޑު ޑިމާންޑެއް އޮތް ދުވަސްވަރު އަޅުގަނޑުމެންނަށް މި މަސައްކަތް ކުރެވެމުންދަނީ،" ކަމަށެވެ. މި ސަބަބާހުރެ އެއަރކްރާފްޓު ލިބެން ހުރި މިންވަރު ވަރަށް ބޮޑަށް މަދުވެފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

ޚާއްޞަކޮށް މޯލްޑިވިއަންއިން އިޚްތިޔާރުކުރި ވައިޑް-ބޮޑީ މޮޑެލްގެ ބޯޓުތައް މާކެޓުން ލިބުން ދަތިވުމަކީ ބޯޓު ގެނައުން ލަސްވެގެންދިޔަ މައިގަނޑު ސަބަބު ކަމަށް އައިލެންޑް އޭވިއޭޝަނުން ބުނެއެވެ. އެހެންނަމަވެސް، މިއަހަރުގެ ނިޔަލަށް މި ބޯޓު ގެނެސް އޮޕަރޭޝަނަށް ނެރުމަށް އެ ކުންފުނިން ދަނީ ބާރުމިނުގައި މަސައްކަތް ކުރަމުންނެވެ.

މޯލްޑިވިއަންގެ ފްލީޓަށް ވައިޑް-ބޮޑީ ބޯޓުތައް އިތުރުކުރުމަކީ ރާއްޖޭގެ ފަތުރުވެރިކަން ފުޅާކޮށް، ދުރު މަންޒިލްތަކަށް ސީދާ ދަތުރުތައް ފެށުމަށް ސަރުކާރުން ގެންގުޅުއްވާ މުހިންމު ސިޔާސަތެކެވެ.

މިއަދު އޮންލައިން