ގްރޭޓަރ މާލެ ސަރަހައްދުގެ އިތުރުވަމުންދާ ކަރަންޓުގެ ލޯޑަށް ކޭޓަރ ކުރުމަށް ބޮޑު ޕްރޮޖެކްޓެއް ހިންގަނީ

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 33ސ
ގްރޭޓަރ މާލެ ސަރަހައްދުގެ އިތުރުވަމުންދާ ކަރަންޓުގެ ލޯޑަށް ކޭޓަރ ކުރުމަށް ބޮޑު ޕްރޮޖެކްޓެއް ހިންގަނީ

ގްރޭޓަރ މާލެ ސަރަހައްދުގެ އިތުރުވަމުންދާ ކަރަންޓުގެ ލޯޑަށް ކޭޓަރ ކުރުމަށްޓަކައި ބޮޑު ޕްރޮޖެކްޓެއް ހިންގުމުގެ މަސައްކަތް ކުރަމުންދާކަމަށް ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ (ސްޓެލްކޯ) ގެ މެނޭޖިންގ ޑިރެކްޓަރ ޑރ. ޢަލީ އަޒުވަރު ވިދާޅުވެއްޖެއެވެ.

ޑރ. އަޒުވަރު ވިދާޅުވީ، ސްޓެލްކޯއިން މިހާރު ގްރޭޓަރ މާލެ ސަރަހައްދުގެ އިތުރުން މާލެ ކައިރީގައިވާ ހަތަރު އަތޮޅެއްގެ ރަށްރަށަށް ކަރަންޓުގެ ޚިދުމަތް ދެމުންދާ ކަމަށެވެ. އަދި އެ ކުންފުނިން ޚިދުމަތް ދޭ ހުރިހާ ސަރަހައްދެއްގެ ކަރަންޓު އުފެއްދުމުގެ ޤާބިލުކަން ނުވަތަ ކެޕޭސިޓީ މިހާރު 222 މެގަވޮޓަށް އަރާފައިވާ ކަމަށްވެސް އޭނާ ފާހަގަކުރެއްވިއެވެ.

މާލެ ސަރަހައްދަކީ ކަރަންޓުގެ ޑިމާންޑް އާދަޔާ ޚިލާފަށް ބޮޑުވަމުންދާ ސަރަހައްދެއްކަން ފާހަގަކުރައްވަމުން ޑރ. އަޒުވަރު ވިދާޅުވީ، އިމާރާތްތައް އުސްވެ، އާބާދީ ތޮއްޖެހެމުންދާއިރު، ކޮންމެ އަހަރަކުވެސް ކަރަންޓު ބޭނުންކުރާ ނިސްބަތް މަތިވަމުންދާ ކަމަށެވެ. އެހެންކަމުން، މި އިތުރުވަމުން އަންނަ ލޯޑަށް ކޭޓަރ ކުރުމަށް ކޮންމެ އަހަރަކުވެސް ދުރާލާ ތައްޔާރުވާންޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ.

"މި ސަރަހައްދުގެ އިތުރުވަމުންދާ ލޯޑަށް ކޭޓަރ ކުރުމުގެ ގޮތުން މާލެ ސަރަހައްދަށް ބޮޑު ޕްރޮޖެކްޓެއް ގެންނަންޖެހޭ. އެކަމާ ގުޅޭ މަސައްކަތްތައް މިހާރު ދަނީ ކުރެވެމުން،" ޑރ. އަޒުވަރު ވިދާޅުވިއެވެ.

މީގެ އިތުރުން، ހޫނު މޫސުމުގައި ކަރަންޓު ބޭނުންކުރާ މިންވަރު އިތުރުވާތީ، ޕީކް ސީޒަނަށް ތައްޔާރުވުމަކީ ސްޓެލްކޯއިން ވަރަށް ބޮޑު އިސްކަމެއްދޭ ކަމެއް ކަމަށްވެސް އެ ކުންފުނިން ބުނެއެވެ. ސްޓެލްކޯއިން ދަނީ ކަރަންޓުގެ ޚިދުމަތުގެ އިތުރުން ބައެއް ރަށްރަށުގެ ފެނާއި ނަރުދަމާގެ ޚިދުމަތްތައްވެސް ބަލަހައްޓަމުންނެވެ.

މިއަދު އޮންލައިން