ރާއްޖޭގެ މަސްވެރި ހުރިހާ ސަރަހައްދަކުން ފަސޭހަކަމާއެކު ތެޔޮ ލިބޭނެ އިންތިޒާމު ހަމަޖެހޭނެ: ޝިޔާމް

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 35ސ
ރާއްޖޭގެ މަސްވެރި ހުރިހާ ސަރަހައްދަކުން ފަސޭހަކަމާއެކު ތެޔޮ ލިބޭނެ އިންތިޒާމު ހަމަޖެހޭނެ: ޝިޔާމް

ރާއްޖޭގެ މަސްވެރިކަން ކުރާ ހުރިހާ ސަރަހައްދަކުން ފަސޭހަކަމާއެކު ތެޔޮ ލިބޭނެ އިންތިޒާމު ހަމަޖެހިގެންދާނެ ކަމަށް މަސްވެރިކަމާއި ދަނޑުވެރިކަމާއި، ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު އަޙްމަދު ޝިޔާމް ވިދާޅުވެއްޖެއެވެ. ވަޒީރު މިހެން ވިދާޅުވީ މަސްވެރިންނަށް ދިމާވެފައިވާ ގޮންޖެހުންތަކަށް ހައްލު ހޯދައިދިނުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުންނެވެ.

ވަޒީރު ޝިޔާމް ފާހަގަކުރެއްވި ގޮތުގައި، މަސްވެރި އަތޮޅުތަކުގެ ތެރެއިން މިވަގުތު ތެޔޮ ލިބުމުގެ ދަތިކަން ކޮންމެވެސް މިންވަރަކަށް އޮތީ މ. އަތޮޅުގައެވެ. މ. އަތޮޅަކީ މަސްވެރި އަތޮޅަކަށް ވެފައި، އެ އަތޮޅުގައި ޚިދުމަތް ލިބެން ނެތް ނަމަވެސް، ކައިރި އަތޮޅުތަކުން ތެޔޮ ލިބޭތީ އެކަމުގެ ޝަކުވާ އެހާ ބޮޑު ނޫންކަމަށް ވަޒީރު ވިދާޅުވިއެވެ.

މިކަމާ ގުޅޭގޮތުން އިތުރަށް ވާހަކަ ދައްކަވަމުން ވަޒީރު ވިދާޅުވީ، "އަޅުގަނޑުމެން މަސައްކަތް މިކުރަނީ ބައެއް ފަހަރު ބޯޓު ފަހަރުގައި އެނގިވަޑައިގަންނަވާނެ މިތާ ޖެހިގެން ހުރި އަތޮޅުތަކުން ތެޔޮ ލިބޭތީއާ އެކީގައި، އެކަމުގެ ޝަކުވާ އަޅުގަނޑުމެންނަށް އެހާ ބޮޑެއްނޫން. އެހެންނަމަވެސް މަދުންނަމަވެސް މި ޝަކުވާ އަންނާތީއާ އެކީގައި އަޅުގަނޑުމެން އިރާދަކުރެއްވިއްޔާ މި އީދަށް ފަހު ދާއިމީ ހައްލަކަށް އަޅުގަނޑުމެން މިވިސްނަނީ މީމު އަތޮޅަށްވެސް."

ވަޒީރު ވިދާޅުވި ގޮތުގައި މި އީދަށްފަހު މ. އަތޮޅުގައި ފިއުލް ސްޓޭޝަނެއް ޤާއިމުކުރެވުމާއެކު، ރާއްޖޭގެ މަސްވެރި ހުރިހާ ސަރަހައްދަކަށް ތެލުގެ މައްސަލައަށް ޖުމުލަ ހައްލެއް އަންނާނެއެވެ. މިއާއެކު މަސްވެރި ހުރިހާ އަތޮޅެއްގައި ތެޔޮ ލިބޭނެ އިންތިޒާމު ފުރިހަމައަށް ކަވަރު ކުރެވޭނެ ކަމަށްވެސް ވަޒީރު ފާހަގަކުރެއްވިއެވެ.

މި މަޝްރޫޢު ނިމުމުން މަސްވެރިން ތެޔޮ ހޯދުމަށް ކުރަންޖެހޭ ދަތުރުތައް ކުރުވެ، މަސްވެރިކަމުގެ އޮޕަރޭޝަންތަކަށް ބޮޑު ލުޔެއް ލިބިގެންދާނެ ކަމަށް ބެލެވެއެވެ. މިއީ މަސްވެރިކަމުގެ ސިނާއަތް ކުރިއެރުވުމަށް ސަރުކާރުން ގެންގުޅޭ ސިޔާސަތުގެ ދަށުން ކުރިއަށްދާ މުހިންމު މަސައްކަތެކެވެ.

މިއަދު އޮންލައިން