އިންޑިއާއަށް ދަތުރުކުރާ ފަރާތްތަކުން އެ ގައުމަށް އެތެރެވުމުގެ ކުރިން ސިއްހީ ހާލަތު ބަޔާންކުރާ ސެލްފް-ޑެކްލަރޭޝަން ފޯމު ހުށަހަޅަންޖެހޭ ގޮތަށް އެ ގައުމުގެ ސަރުކާރުން ނިންމައިފިއެވެ. މި ނިންމުމާއެކު އިންޑިއާއަށް ދަތުރުކުރާ ހުރިހާ ފަސިންޖަރުންވެސް މި ފޯމު ފުރިހަމަކުރަން ޖެހޭނެއެވެ.
އިންޑިއާގެ މި ނިންމުމާ ގުޅިގެން ރާއްޖޭގެ ގައުމީ އެއާލައިން، މޯލްޑިވިއަން އިން ވަނީ އެ އެއާލައިން މެދުވެރިކޮށް އިންޑިއާއަށް ދަތުރުކުރާ ފަސިންޖަރުން މިކަމަށް ސަމާލުވުމަށް އިލްތިމާސްކޮށްފައެވެ. ސެލްފް-ޑެކްލަރޭޝަން ފޯމު މޯލްޑިވިއަންގެ ރަސްމީ ވެބްސައިޓުން މިހާރު ލިބެން ހުންނާނެ ކަމަށް އެ އެއާލައިނުން މައުލޫމާތު ދެއެވެ.
މި ފޯމު ފުރުމަށްފަހު ފަސިންޖަރުން ހުށަހަޅަން ޖެހޭނީ އިންޑިއާއަށް ގޮސް އެ ގައުމުގެ އެއާޕޯޓުގައި ހުންނަ ހެލްތު އެންޑް އިމިގްރޭޝަން ކައުންޓަރަށެވެ. މީގެ އިތުރުން، ދަތުރުކުރާ ފްލައިޓް ތެރޭގައިވެސް ސަމާލުކަމަށް ގެންނަންޖެހޭ ސިއްހީ ކަންކަން ފަސިންޖަރުންނަށް އަންގަމުންދާނެއެވެ.
އިންޑިއާއިން މިފަދަ ފިޔަވަޅެއް އަޅާފައިވަނީ ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) އިން އިބޯލާ ބައްޔަކީ ބައިނަލްއަގުވާމީ ފެންވަރުގައި އާންމު ސިއްހަތަށް އޮތް ކުއްލި ނުރައްކަލެއްގެ ގޮތުގައި ކަނޑައެޅުމާ ގުޅިގެންނެވެ. މިއީ އެ ގައުމަށް ބަލި އެތެރެވިޔަނުދީ ރައްކާތެރިކަން ކަށަވަރުކުރުމުގެ ގޮތުން އެޅި ފިޔަވަޅެކެވެ.