މިހިނގާ މެއި މަހުގެ 14 ވަނަ ދުވަހުގެ ނިޔަލަށް ދައުލަތުން ސަބްސިޑީއާއި އެކި އެހީތަކުގެ ގޮތުގައި 5.2 ބިލިޔަން ރުފިޔާ ހޭދަކޮށްފިއެވެ. މާލީ ވުޒާރާއިން އާންމުކޮށްފައިވާ ވީކްލީ ފިސްކަލް ޑިވެލޮޕްމަންޓް ރިޕޯޓުގައިވާ ގޮތުން، މިއީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު 48 އިންސައްތަ އިތުރު އަދަދެކެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި މި ބަޔަށް ހޭދަކޮށްފައިވަނީ 3.5 ބިލިޔަން ރުފިޔާއެވެ.
މާލީ ވުޒާރާގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި، އެހީގެ ގޮތުގައި ދޫކުރި ފައިސާގެ ތެރެއިން އެންމެ ބޮޑު ހޭދައެއް ކޮށްފައިވަނީ ސަބްސިޑީގެ ގޮތުގައެވެ. އެގޮތުން ސަބްސިޑީއަށް މިހާތަނަށް 2.2 ބިލިޔަން ރުފިޔާ ހޭދަކޮށްފައިވާއިރު، މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި ހޭދަކުރި 1.2 ބިލިޔަން ރުފިޔާއާ އަޅާބަލާއިރު 77 އިންސައްތަ އިތުރުވުމެކެވެ.
ސަބްސިޑީގެ އިތުރުން ދެން އެންމެ ބޮޑު ހޭދައެއް ކޮށްފައިވަނީ ކައުންސިލްތަކަށް ދޫކުރާ ބްލޮކް ގްރާންޓަށެވެ. ކައުންސިލްތަކަށް މިއަހަރުގެ މިހާތަނަށް ބިލިޔަނަކަށްވުރެ ގިނަ ރުފިޔާ ދޫކޮށްފައިވާއިރު، މިއީ މިދިޔަ އަހަރު ދޫކުރި 718 މިލިޔަން ރުފިޔާއާ އަޅާބަލާއިރު 45.7 އިންސައްތައިގެ ކުރިއެރުމެކެވެ.
ސަބްސިޑީއަށް ކުރި ޚަރަދު ބޮޑުވި މައިގަނޑު ސަބަބެއްގެ ގޮތުގައި މާލީ ވުޒާރާއިން ފާހަގަކުރައްވަނީ މެދުއިރުމަތީގެ ހަނގުރާމައާ ގުޅިގެން ބައިނަލްއަޤްވާމީ ބާޒާރުގައި ތެލުގެ އަގު އުފުލުމެވެ. މީގެ ސަބަބުން ކަރަންޓު އުފެއްދުމަށް ވިއްކާ ތެލުގެ ސަބްސިޑީއަށް ހިނގި ޚަރަދު ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ.
މާލީ ވުޒާރާއިން ވިދާޅުވީ، ބައިނަލްއަޤްވާމީ ބާޒާރުގައި ތަކެތީގެ އަގަށް އަންނަ ބަދަލުތަކުން އާންމު ރައްޔިތުންނަށް ކުރާ އަސަރު ކުޑަކުރުމަށް ސަރުކާރުން ސަބްސިޑީ ފޯރުކޮށްދެމުންދާ ކަމަށެވެ. މިގޮތުން ފޯރުކޮށްދޭ އެހީގެ ސަބަބުން އަސާސީ މުދަލާއި ޚިދުމަތްތަކުގެ އަގު އެއްވަރެއްގައި ހިފެހެއްޓިފައިވާކަން އެ ވުޒާރާއިން ފާހަގަކުރައްވައެވެ.