އިނގިރޭސިވިލާތަށް ބޭރުކުރާ މަހަށް ނަގަމުން އައި ޓެރިފް ކަނޑާލީ ރާއްޖެއަކީ ސައްތަ އިން ސައްތަ ދެމެހެއްޓެނިވި މަސްވެރިކަމެއް ކުރާ ޤައުމަކަށްވާތީ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ދައުލަތުގެ މީޑިއާގެ "ނޭޝަން ޗެޓް" ޕްރޮގްރާމުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، މިއީ ދެ ޤައުމު ގުޅިގެން ކުރި މުހިންމު މަސައްކަތެއްގެ ނަތީޖާ ކަމަށެވެ.
ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވި ގޮތުގައި، ރާއްޖެއަށް މި ލުއި ދިނުމަށް އިނގިރޭސި ސަރުކާރުންވެސް ވަރަށް ބޮޑު އިސްކަމެއް ދެއްވިއެވެ. "100% ދެމެހެއްޓެނި މަސްވެރިކަމެއް ކުރާ ޤައުމަކީ ރާއްޖެ ކަމަށްވާތީ، އިނގިރޭސިވިލާތުން ވަރަށް އިސްކަން ދެއްވި ރާއްޖެއަށް ގޮތްތަކެއް ހޯދައި ދެވޭނީ ކިހިނެއްތޯ ބެލުމަށް. ޑަބްލިއުޓީއޯގެ މިންގަނޑުގެ ތެރެއިން އިނގިރޭސި ކޮންސިއުމަރުންނަށްވެސް އަގުހެޔޮވާނެ ގޮތެއް އަދި މަސްވެރިންނަށްވެސް ރަނގަޅުވާނެ ގޮތެއް،" ރައީސް ވިދާޅުވިއެވެ.
އިނގިރޭސި ސަރުކާރުން ނިންމާފައިވަނީ 2028 ވަނަ އަހަރުގެ ނިޔަލަށް އެ ޤައުމަށް އެތެރެކުރާ ކަނޑުމަހުގެ އުފެއްދުންތަކަށް ޓެރިފް ނެގުން މެދުކަނޑާލުމަށެވެ. ރައީސް ވިދާޅުވީ މި ނިންމުމުގެ ސަބަބުން އެންމެ ބޮޑު ފައިދާއެއް ކުރާނީ ދިވެހިރާއްޖެއަށް ކަމަށެވެ. ސަބަބަކީ އިނގިރޭސިވިލާތަށް މަސް ބޭރުކުރާ ކުދި ޖަޒީރާ ޤައުމުތަކުގެ ތެރެއިން މިފަދަ ބޮޑު ޓެރިފެއް މިހާތަނަށް އޮތީ ހަމައެކަނި ރާއްޖެއަށް ކަމަށްވާތީއެވެ.
"އަޅުގަނޑުމެން ވަރަށް އުފާކުރަން މި ދަނޑިވަޅުގައި 2028 ގެ ނިޔަލަށް ޓެރިފް ސަސްޕެންޑް ކުރަން ނިންމި ނިންމެވުމަށް. އޭގެ ސަބަބުން އެންމެ ބޮޑު ލުޔެއް ލިބޭނީ ރާއްޖެއަށް،" ރައީސް ވިދާޅުވިއެވެ. މި ކާމިޔާބީއާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ވަނީ ދިވެހި ރައްޔިތުންނަށް މަރުހަބާ ދަންނަވާފައެވެ.
މިދިޔަ ހަފުތާގެ ބުދަ ދުވަހު އިނގިރޭސިވިލާތުން މި ނިންމުން ނިންމުމާ ހަމައަށް، ރާއްޖޭގެ ކަނޑުމަހުގެ އުފެއްދުންތަކުން އެ ޤައުމުން 20 އިންސައްތައިގެ ޓެރިފެއް ނަގަމުންދިޔައެވެ. މި ޓެރިފް ކަނޑާލުމަކީ ދިވެހި މަސްވެރިންނަށާއި މަސް އެކްސްޕޯޓްކުރާ ކުންފުނިތަކަށް ލިބިގެންދާނެ ވަރަށް ބޮޑު ކުރިއެރުމެކެވެ.