ޢަބްދުލްޢަޒީޒު މުޙައްމަދު އަވަހާރަވުމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ތަޢުޒިޔާ ވިދާޅުވެއްޖެ

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 32ސ
ޢަބްދުލްޢަޒީޒު މުޙައްމަދު އަވަހާރަވުމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ތަޢުޒިޔާ ވިދާޅުވެއްޖެ

ފުވައްމުލައް ސިޓީއަށް ނިސްބަތްވާ ޚިދުމަތްތެރި ބޭފުޅެއް ކަމުގައިވާ ޢަބްދުލްޢަޒީޒު މުޙައްމަދު އަވަހާރަވުމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ތަޢުޒިޔާ ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާ ތަޢުޒިޔާ ވިދާޅުވީ މިއަދު ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި މެސެޖެއްގައެވެ.

ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި، ފުވައްމުލައް ސިޓީ، ފުނާޑު، ރިޔާޒް (ހުސްނުހީނާގެ)، އަލްމަރްޙޫމް ޢަބްދުލްޢަޒީޒް މުޙައްމަދަކީ ޚިދުމަތްތެރި ތަޢުލީމީ ޢާއިލާއަކަށް ނިސްބަތްވެވަޑައިގަންނަވާ، ހުނަރުވެރި ކުޅަދާނަ ބޭފުޅެއްގެ ގޮތުގައި ވަނީ ސިފަކުރައްވާފައެވެ. ވަކީން ޚާއްޞަކޮށް، 1960 ގެ އަހަރުތަކުގައި އައްޑޫ ނޫރާނީ ސްކޫލުގައި އިނގިރޭސިބަހުގެ ޓީޗަރެއްގެ ގޮތުގައި އެތައް ކުއްޖަކަށް އުނގަންނައިދެއްވުމުގައި އޭނާ ކުރެއްވި މަސައްކަތްޕުޅު ރައީސް ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން، ކަނޑުދަތުރުފަތުރުގެ ދާއިރާގައި 30 އަހަރަށްވުރެ ގިނަ ދުވަހު ޢަބްދުލްޢަޒީޒު ކުރެއްވި މަސައްކަތްޕުޅުތަކަށްވެސް ރައީސް އަލިއަޅުއްވާލެއްވިއެވެ. އެގޮތުން ކާގޯ ބޯޓުފަހަރުގެ ކެޕްޓަނެއްގެ ގޮތުގައި ދުނިޔޭގެ އެކި ޤައުމުތަކަށް ދަތުރުކުރެއްވުމުގައި އޭނާ ދިގުމުއްދަތެއް ހޭދަކުރެއްވިކަން ރައީސް ފާހަގަކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ޢަބްދުލްޢަޒީޒް މުޙައްމަދު އަވަހާރަވުމަކީ ތަޖުރިބާކާރު ހަރުދަނާ ޝަޚްޞިއްޔަތެއް ގެއްލިދިޔުން ކަމަށެވެ. "ހިތާމައިގެ މި ދަނޑިވަޅުގައި، މަރްޙޫމްގެ ޢާއިލާއަށް ވަރަށް އިޚުލާޞްތެރިކަމާއެކު ތަޢުޒިޔާ ދަންނަވަން،" ރައީސްގެ މެސެޖުގައި ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ މެސެޖު ނިންމަވާލެއްވީ މަރްޙޫމްގެ ފުރާނައަށް ހެޔޮ ދުޢާ ކުރައްވަމުންނެވެ. އެގޮތުން މާތްﷲގެ ރުއްސެވުމާއި ރަޙްމަތުގައި، ސުވަރުގޭގެ ދާއިމީ ނިޢުމަތުގައި މަރްޙޫމް ލަހައްޓަވައި، ޢާއިލާއަށް ކެތްތެރިކަން ދެއްވުމަށް އެދިވަޑައިގެން ދުޢާ ކުރެއްވިއެވެ.

މިއަދު އޮންލައިން