ގޭންގު މާރާމާރީތަކުގައި ޒުވާނުންގެ ފުރާނަ ގެއްލުން މި ސަރުކާރުގައި މުޅިން ހުއްޓިއްޖެ: ރައީސް

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 43ސ
ގޭންގު މާރާމާރީތަކުގައި ޒުވާނުންގެ ފުރާނަ ގެއްލުން މި ސަރުކާރުގައި މުޅިން ހުއްޓިއްޖެ: ރައީސް

ގޭންގު މާރާމާރީތަކުގައި ޒުވާނުންގެ ފުރާނަ ގެއްލޭ މިންވަރު މި ސަރުކާރުގެ ދައުރުގައި މުޅިން ހުއްޓުވިފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ރައީސް މިހެން ވިދާޅުވީ"ނޭޝަން ޗެޓް" ޕްރޮގްރާމުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސް ފާހަގަކުރެއްވި ގޮތުގައި، ވޭތުވެދިޔަ ދައުރުތަކާ އަޅާބަލާއިރު މާރާމާރީތަކުގައި މީހުން މަރުވާ މިންވަރު ވަނީ ނިމުމަކަށް އައިސްފައެވެ. އެގޮތުން 2013 އިން 2016 އަށް 12 ޒުވާނަކު އަދި 2018 އިން 2021 އަށް 7 ޒުވާނަކު މާރާމާރީތަކުގައި ނިޔާވެފައިވީ ނަމަވެސް، މި ސަރުކާރުގެ މިހާތަނަށް އެފަދަ އެއްވެސް ހާދިސާއެއްގައި މީހަކު ނިޔާވެފައި ނުވާކަން އެމަނިކުފާނު ތަފާސްހިސާބުތަކުން ދެއްކެވިއެވެ.

މަސްތުވާތަކެތި އެތެރެވުން ހުއްޓުވުމުގައިވެސް ބޮޑެތި ކާމިޔާބީތަކެއް ހާސިލުކުރެވެމުންދާކަން ރައީސް ފާހަގަކުރެއްވިއެވެ. މިދިޔަ ދެ އަހަރާއި ބައިގެ ތެރޭގައި ޖުމްލަ 1294 ކިލޯގްރާމްގެ މަސްތުވާތަކެތި އަތުލައިގަނެވިފައިވާ އިރު، މިއީ އޭގެ ކުރީ ދެ ދައުރުގެ މި މުއްދަތާ އަޅާބަލާއިރު ބޮޑު އިތުރުވުމެކެވެ. ކުރީ ދައުރުގެ އެ މުއްދަތުގައި އަތުލައިގަނެވުނީ 1003 ކިލޯގްރާމް ކަމަށާއި، އޭގެ ކުރީ ދައުރުގައި އަތުލައިގަނެވުނީ 154 ކިލޯގްރާމްގެ މަސްތުވާތަކެތި ކަމަށް ރައީސް ވިދާޅުވިއެވެ.

މަސްތުވާތަކެތީގެ ވިޔަފާރިކުރާ ފަރާތްތަކަށް ހަރުކަށި އަދަބު ދިނުމަށްޓަކައި ގާނޫނަށް އިސްލާހު ގެނެސް، މަރުގެ އަދަބު ކަނޑައަޅާފައިވާކަންވެސް ރައީސް ހާމަކުރެއްވިއެވެ. މީގެ އިތުރުން ގޭންގުތައް ކަނޑައެޅުމާއި އެފަދަ ކުށްތަކަށް އަދަބު ދިނުމުގެ އިޖުރާތްތައް ޤާނޫނީ އޮނިގަނޑުގެ ތެރެއިން މިހާރު ހަރުދަނާ ކުރެވިފައިވާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

"ގޭންގު މާރާމާރީތަކުގައި މިދިޔަ ދެ އަހަރާއި ބައިގެ ތެރޭގައި އެއްވެސް މީހަކު މަރުވެފައިނުވޭ. ވަރަށް ގިނަ މަސަތް އެބަކުރެވޭ، ހަގީގީ ރިޒަލްޓްސް މުޖްތަމައު ތެރެއިން ރަނގަޅު ނަތީޖާ ނެރެވޭ. އަޅުގަނޑުމެން މިކަން ކޮންޓިނިއު ކުރާނަން،" ރައީސް ވިދާޅުވިއެވެ.

ރައީސްގެ ވާހަކަފުޅު ނިންމަވާލެއްވީ ޒުވާނުން ކުށުގެ މާހައުލުން ދުރުކޮށް، މުޖްތަމައުގެ މައި ތަނބުތަކަކަށް ހެދުމަށްޓަކައި އާންމުންގެ އެއްބާރުލުމަށް އެދިވަޑައިގަންނަވަމުންނެވެ. އެމަނިކުފާނު ވިދާޅުވީ ސަރުކާރުގެ އަމާޒަކީ ޒުވާނުން މަސްތުވާތަކެއްޗާއި ގޭންގު ކުށްތަކުން ދުރުކޮށް، ގައުމުގެ މައި ސްޓްރީމަށް ގެނައުން ކަމަށެވެ.

މިއަދު އޮންލައިން