ހިމަބިހީގެ ވެކްސިން 2 ޑޯޒް ފުރިހަމަ ނުކުރާ ފަރާތްތަކަށް ޚާއްސަ ވެކްސިން ކެމްޕޭނެއް ފަށަނީ

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 44ސ
ހިމަބިހީގެ ވެކްސިން 2 ޑޯޒް ފުރިހަމަ ނުކުރާ ފަރާތްތަކަށް ޚާއްސަ ވެކްސިން ކެމްޕޭނެއް ފަށަނީ

ހިމަބިހީގެ ވެކްސިންގެ ދެ ޑޯޒް ފުރިހަމަ ނުކުރާ ފަރާތްތަކަށް އަމާޒުކޮށްގެން ޚާއްސަ ވެކްސިން ކެމްޕޭނެއް ފެށުމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ނިންމައިފިއެވެ. މި ކެމްޕޭނަކީ ހިމަބިހިން ރައްކާތެރިވުމަށާއި، ބަލީގެ ސަބަބުން ފުރާނައަށް ލިބިދާނެ ގެއްލުންތަކުން ރައްޔިތުން ސަލާމަތްކުރުމަށް އަޅާ ފިޔަވަޅެއް ކަމަށް އެ އެޖެންސީން ބުނެއެވެ.

ރާއްޖެއަކީ 2017 ވަނަ އަހަރު ހިމަބިހި ނައްތާލެވިފައިވާ ގައުމެއްގެ ގޮތުގައި ކަނޑައަޅާފައިވާ ގައުމެކެވެ. ނަމަވެސް، ވޭތުވެދިޔަ ނުވަ އަހަރުގެ ތެރޭގައި އެކި ދުވަސްވަރު ރާއްޖެއިން މި ބަލީގެ ކޭސްތަކެއް ވަނީ ފެނިފައެވެ. މިގޮތުން މި ހިނގާ މެއި މަހުގެ 13 ވަނަ ދުވަހު މާލެ ސަރަޙައްދުން ހިމަބިހީގެ ކޭސްތަކެއް ފެނުމާ ގުޅިގެން، ބަލި އިތުރަށް ފެތުރުނަ ނުދިނުމަށް އެޗްޕީއޭއިން ދަނީ ވަރުގަދަ ފިޔަވަޅުތަކެއް އަޅަމުންނެވެ.

މިހާތަނަށް މާލެ ސަރަޙައްދުން 9 މީހަކު މި ބައްޔަށް ޕޮޒިޓިވްވެފައިވާކަމަށް އެޗްޕީއޭއިން މައުލޫމާތުދެއެވެ. އެ އެޖެންސީން މިހާރު ދަނީ ބަލި ޖެހުނު މީހުންނާ ކޮންޓެކްޓްވި ފަރާތްތައް ދެނެގަނެ، އެމީހުންގެ ޓެސްޓުތައް ހެދުމާއި ވެކްސިން ދިނުމުގެ މަސައްކަތް ހަލުވިކަމާއެކު ކުރިއަށް ގެންދަމުންނެވެ.

ޕީއެސްއެމް ނިއުސްގެ "ރާއްޖެ މިއަދު" ޕްރޮގްރާމްގައި ވާހަކަދައްކަވަމުން އެޗްޕީއޭގެ ޕަބްލިކް ހެލްތު ޑިރެކްޓަރ، ނާޝިޔާ ޢަބްދުލްޣަފޫރު ވިދާޅުވީ، ރާއްޖެއިން ނައްތާލެވިފައިވާ ބައްޔެއްގެ ގޮތުގައި މި ބަލި ދެމެހެއްޓުމަކީ މުހިންމު ކަމެއް ކަމަށެވެ. އަދި ބަލީގެ ނުރައްކާ ހާލަތަކަށް ދިޔުމުގެ ފުރުސަތު އޮތް މީހުން މަދުކުރުމަށްޓަކައި އިތުރު ފިޔަވަޅުތައް އެޅުމަށް މަސައްކަތް ކުރަމުންދާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ހިމަބިއްސަކީ ވެކްސިން ޖެހުމުން ރައްކާތެރިވެވޭ ބައްޔަކަށްވާއިރު، އެޗްޕީއޭއިން އިލްތިމާސްކުރަނީ ވެކްސިންގެ ދެ ޑޯޒް ފުރިހަމަ ނުކުރާ ފަރާތްތަކުން ވީހާވެސް އަވަހަކަށް ވެކްސިން ފުރިހަމަކުރުމަށެވެ. މިއީ މުޖުތަމައުގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި އެޅޭ މުހިންމު ފިޔަވަޅެއްކަން އެ އެޖެންސީން ފާހަގަކުރެއެވެ.

މިއަދު އޮންލައިން